ޚަބަރު

ޓެބްލެޓް ބޭނުންކުރަމަކުން ވޯޓުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނާނެ - އިލެކްޝަންސް ކޮމިޝަން


ރިޔާސީ އިންތިޚާބަށް ޓެބްލެޓް ބޭނުންކުރުމަކުން ވޯޓުގެ ނަތީޖާއަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި، ވޯޓުގުނުމުގެ އެއްވެސް މަރުހަލާއެއްގައި ޓެބްލެޓް ބޭނުން ނުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އަންނަމަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ޓެބްލެޓް ބޭނުންކުރަމުންދަނީ އިންތިޚާބަށް ނުފޫޒު ފޯރުވާ، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމަށްކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް ރައްދުދެއްވާ އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޕްރެސްކޮންފަރެންސެއްގައި އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އެއީ އެއްވެސް ހަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޓެބްލެޓް ބޭނުންކުރުމަށް އެކޮމިޝަނުން ނިންމީ، ކުރީގެ އިންތިޚާބުތަކުގެ ތަޖުރިބާއަށް ބެލުމަށްފަހު، ވޯޓުލާ ދުވަހު ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް ފަސޭހަ ކުރުމަށް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ކުރީގެ އިންތިޙާބުތަކުގައި ލެޕްޓޮޕާއި، ނެޓްބުކް ބޭނުންކުރުމުގައި ނެޓްވޯރކް މައްސަލަތައް ދިމާވުންފަދަ ކަންކަން ހިނގާފައިވާކަމަށާއި، ޓެބްލެޓް ބޭނުންކުރަން ނިންމީ، އެއީ ޒަމާނާ ގުޅޭ ބޭނުންކުރަން ފަސޭހަ ވަސީލަތަކަށްވުމުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ޓެބްލެޓް ބޭނުންކުރުމަކުން ވޯޓުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި، ވޯޓު ގުނުމުގެ އެއްވެސް މަރުހަލާއެއްގައި ޓެބްލެޓް ބޭނުން ނުކުރާނެކަމަށެވެ. އަދި މިފަހަރުގެ އިންތިޚާބުގައިވެސް ވޯޓުގުނުމާއި، ނަތިޖާ އިޢުލާން ކުރުމުގެ އެންމެހާ މަސައްކަތެއްވެސް ކުރިއަށްދާނީ ކުރީގެ އިންތިޚާބުތަކެކޭ އެއްފަދައިން އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިޙާބުގައި ބޭނުންކުރުމަށްޓަކާ 550 ޓެބްލެޓް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، އެތަކެތި ހޯދުމަށް ހަވާލުކޮށްފައިވަނީ ދިވެހި އަމިއްލަ ކުންފުންޏަކާއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ޓެބްލެޓްތައް ހޯދުމުގައި ވަކި ބްރޭންޑަކަށް އެކޮމިޝަނުން ޑިމާންޑްކޮށްފައި ނުވާނެކަމަށާއި، ނަމަވެސް ވަކި ސްޕެސިފިކޭޝަންތަކެއް އެކޮމިޝަނުން ކަނޑައަޅާފައިވާ ކަމަށެވެ.