ޚަބަރު

އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތި މައްސަލަ ހައްލުކޮށް، މާލެއާއި ހުޅުމާލެއަށް ކަރަންޓު ދީފި


  • ކަރަންޓު ކެނޑެން ދިމާވި ސަބަބު ހޯދައި އާންމު ކުރައްވާނެ ކަމަށް ވިދާޅުވި

ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވި މައްސަލަ ސްޓެލްކޯއިން ހައްލުކޮށްފިއެވެ.

މާލެއާއި ހުޅުލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:30 ހާއިރުއެވެ. ކަރަންޓު ކެނޑުމާއެކު ޚިދުމަތް އަލުން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ސްޓެލްކޯއިން ކުރި މަސައްކަތުން ހަވީރު 5:00އާ ހަމައަށް މާލޭގެ %60 އަށްވުރެ ގިނަ ސަރަހައްދަކަށް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަދު ސަރައްހައްދެއް ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް ވަނީ ކަރަންޓު ފޯރުކޮށްދީފައެވެ. އަދި މިހާރު ހުރިހާ ސަރަހައްދަކަށްވެސް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވި މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ. އެއާއެކު މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައިވާކަމަށް ވިދާޅުވިއެވެ.

ކަރަންޓު އަލުން ދިނުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ފަހުމީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސްޓެލްކޯއިން އަޅުއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މަޢާފަށް އެދިވަޑައިގެންފައެވެ. އަދި މިއަދު ގްރޭޓާމާލެ ގްރިޑް ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނަގަނެ އެކަމާއި ގުޅުންހުރި މައުލޫމާތު އާންމު ކުރައްވާނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

މާލެއާއި ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުން އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ދަނީ ބަލަމުންނެވެ. އެގޮތުން، މައްސަލަ ދިމާވި ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އަންގަވާފައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުވެސް ކުރައްވަމުންނެވެ.