ރާއްޖެއަށް ލިބޭ ކުރިއެރުމާމެދު ހަސަދަވެރިވާ ފަރާތްތަކުގެ ކިބައިން ދިވެހި ޤައުމު ސަލާމަތް ކުރަންޖެހޭ ކަމަށާއި ދިވެހިންގެ ކިބައިގައި އަމިއްލައަށް ކަންކަން ނިންމުގެ ހިތްވަރު ހުންނަން ޖެހޭނެކަމަށް ރައީސް ޔާމީންގެ ރަނިން މޭޓް ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލ އަތޮޅު މާބައިދޫއިން ދެންނެވި ހޫނު މަރުޚަބާއަށް ޝުކުރު އަދާކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ.ޝަހީމް ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަދަލުކޮށް ޤައުމަށް ކުރިއެރިއެރުމެއް ލިބިދާނެކަމާމެދު ހަސަދަވެރިވާ ބަޔަކު ތިބި ނަމަވެސް، އެމީހުންގެ އަވައިގައި ޖެހި، ޤައުމު ހަލާކު ކުރަން މަސައްކަތް ކުރާ ބަޔަކަށް ދިވެހިން ވެގެން ނުވާނެ ކަމަށެވެ.
"ދެން އަޅުގަނޑުމެން ޤައުމުގެ ވެރިކަން ބަދަލުކޮށް މިތަނުގައި ހަމަނުޖެހުން ހިންގާ. މިތަނަށް ކުރިއެރުން އަތުވެދާނެ ކަމާމެދުގައި ބިރުގަންނަ ބޭރުގެ އެކިއެކި ފަރާތްތައް އެބައުޅޭ. އެމީހުންގެ އަވައިގާ ޖެހިގެން އަޅުގަނޑުމެންގެ ޤައުމު ޚަރާބު ކުރަން މަސައްކަތް ކުރާ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެ." ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލ.މާބައިދޫއަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުންގެ ފަރާތުން ދެއްވި ފުރިހަމަ މެހެމާންދާރީގެ ސަބަބުން އިތުރަށް ހިތްވަރު އާލާވެ އުއްމީދު އައުވެއްޖެ ކަމަށެވެ. އަދި އެރަށުން ފެނިގެން ދިޔަ ތާއީދާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ތަނަވަސް އަޣްލަބިއްޔަތުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ ސިޔާސީ ގޮތުން ފިކުރު ތަފާތު ފަރާތްތަކުގެ ވޯޓާވެސް އެކުގައި ކަމަށެވެ. އެހެންކަމުން ފުރިހަމަ ސިކުނޑިއަކުން ވިސްނުމަށްފަހު ޤައުމަށް އަންނަމުންދާ ބޮޑެތި ކުރިއެރުންތައް އިތުރަަށް ބޭނުންވާނަމަ، ހުރިހާ ރައްޔިތުންވެސް ރައީސް ޔާމީނަށް ވޯޓް ދެއްވުމަށް ޑރ.ޝަހީމް އެދިވަޑައިގެންނެވިއެވެ.
ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމަށް ހައްދުންމަތީގެ ރައްތަކަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވި ހުރިހާ ރަށްތަކުން ވެސް ޑރ.ޝަހީމާއި އެމަނިކުފާނުގެ ޓީމަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.