ޚަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގައި ތާރުއަޅައި ނިންމާލައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތައްޤީކުރާ އައު ރަންވޭގައި ތާރުއަޅާ ނިންމާލައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، އައު ރަންވޭގައި އަޅާ ތާރުގެ އެންމެ ފަހު ލޭޔަރ އަޅައި ނިމިފައިވާކަމަށާއި، މިމަސައްކަތް މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމުމަށްޓަކައި މިހާރު ކުރަމުންދަނީ ރަންވޭގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތުގެ 70 އިންސައްތަ މިހާރު ނިމިފައިވާކަމަށް އާދިލް ވިދާޅުވިއެވެ. ރަންވޭގެ މަސައްކަތް ނިންމާ އަންނަ މަހުގެ ކުރީކޮޅު ޓެސްޓް ފްލައިޓް ޖެއްސުމުގެ މަސައްކަތް ކުރަމުންދާކަން އާދިލް މޫސާ ވިދާޅުވިއެވެ.

ދިވެހި ޤައުމީ ވައިގެ ބަނދަރު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ 1 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ބަޔަކީ އާ ރަންވޭގެ މަސައްކަތެވެ. ދުނިޔޭގައި އޮޕަރޭޓްކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމުގައިވާ އޭ-380 މަރުކާގެ ބޯޓަށް ފަސޭހަކަމާއެކު ޖެއްސޭ ގޮތަށް ހަދާފައިވާ މި ރަންވޭއަކީ 3400 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެކެވެ.