ޚަބަރު

ކުރީގެ ކަޅު ޞަފްޙާތައް ދޫކޮށް ތަރައްޤީއާގެން ކުރިއަށްދާންޖެހޭ - ޑރ. ޝަހީމް


ދިވެހިރާއްޖޭގައި ރައީސް ޔާމީންގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ކަންކަން ކުރެއްވި ގޮތުން އިބްރަތް ހާސިލްކޮށް، އެ ސަފްޙާތައް ދޫކޮށް ތަރައްޤީއާއިގެން ކުރިއަށްދާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ރަނިންގމޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމަށް ހައްދުން މައްޗަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދަނބިދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ.ޝަހީމް ވިދާޅުވީ މާޒީގައި ވެރިކަންކުރެއްވި ބޭފުޅުންގެ ކަޅު ޞަފްހާތަކުގެ މަތިން ހަނދާން ކުރުމުގެ ބަދަލުގައި މިހާރު ވިސްނަންވީ ތަރައްޤީއާއިގެން ކުރިއަށް ދެވޭނެ ބޭފުޅަކަށް ވެރިކަން ދޭން ކަމަށެވެ. އެގޮތުން ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ގެންނަވަމުންކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ދައުރަށްވެސް ރައީސް ޔާމީނަށް އިތުރު ފުރުޞަތެއް ދެއްވަން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ މި ޤައުމު އަނެއްކާވެސް އެނބުރި ދާނީ 2008ގެވެސް ކުރިއަށްކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމްގެ ވާހަކަފުޅުގައި ވަނީ ސިޔާސީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޝަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގައި ތަފާތު ފިކުރުތައް ތިބިއިރު އެފަރާތްތަކުގެ ވިސްނުމާއި ޚިޔާލް ދުވަހަކުވެސް އެއްގޮތް ނުވާނެކަމަށެވެ. ޝަހީމް ވިދާޅުވީ އެފަރާތްތަކަށް ވެރިކަން ލިބުނު ނަމަވެސް ދުވަހަކުވެސް އެއްގަލަކަށް ނޭރޭނެ ކަމަށާއި އަބަދުވެސް އުޅޭނީ ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށެވެ.

"މާޒީގެ ޞަފްހާތައް ލައްޕާލަން ޖެހޭ. އިދިކޮޅުގައި ތިބީ މުޅިންވެސް ތަފާތު ފިކުރުގެ ތަކުގެ މީހުން. އެމީހުނަށް ދުވަހަކުވެސް އެއްގަލަކަށް ނޭރޭނެ. އެމީހުނަށް ވެރިކަން ލިބުނަސް އުޅޭނީ ވަޒީރުކަން ބަހާނެ ގޮތެއް ނޭންގިގެން. އެހެން ވީމާ 40 އަހަރު ވެރިކަމާހެދި ހަނގުރާމަކުރި ބައެއްގެ ޞަފްހާތައް ބަންދު ކުރުމަށްފަހު، އެކަމަށް ޤާބިލް ބަޔަކަށް ވެރިކަން ކުރުމުގެ ފުރުޞަތު ދޭން ޖެހޭ." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި ބައެއް ކަހަލަ ނުތަނަވަސްކަން ހުރި ނަމަވެސް، ރައީސް ޔާމީން ފަދަ ކުޅަދާނަ ޤާބިލް ވެރިއެއްގެ ފަހަތްޕުޅަށް އަރަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖެއިން މި ފެންނަ ތަރައްޤީގެ މަންޒަރުތަކަށް ބަލާއިރު ރައީސް ޔާމީނަށް ދެވަނަ ދައުރެއް ޙައްޤުކަން ޤަބޫލުކުރަންޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް އެ ފުރުޞަތު ދެއްވަން ޖެހެނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމް ދީން ދެމެހެއްޓުމަށް ކަމުގައިވެސް ޝަހީމް ވިދާޅުވިއެވެ.

ކެމްޕެއިން ދަތުރުފުޅެއްގައި ދަނބިދޫއަށް ވަޑައިގެން ޑރ.ޝަހީމް ވަނީ އެރަށުގެ ވަކިވަކި ގޭގެއަށް ހިންގަވާ ރައްޔިތުންގެ އިހުސާސްތައް އަޑު އައްސަވާފައެވެ. އަދި އެކިއެކި އުމުރުފުރާތަކުގެ ބޭފުޅުންނާއި ވަކިވަކިން ބައްދަލު ކުރައްވާ އެ ފަރާތްތަކުގެ ޝުއޫރުތައް އަޑު އައްސަވާފައެވެ. ޑރ.ޝަހީމްގެ މިދަތުރުފުޅުގައި މިއަދު މެންދުރުފަހުވެސް އިތުރު ރަށްތަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.