ޚަބަރު

"ރައީސް ޔާމީން ރިޔާސީ ރޭހުން ފިއްލަވާނެކަމަށް ބުނަނީ ރައްޔިތުންނަށްދޭނެ އައު އުންމީދެއް ނެތުމުން"


ރިޔާސީ ރޭހުން ރައީސް ޔާމީން ފިއްލަވައިވަޑައިގެންފާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ރައްޔިތުންނަށް ދޭނެ އައު އުންމީދެއް، އަދި ދައްކާނެ އައު ވާހަކައެއް ނެތުމުންކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

"ތަރައްޤީ އައު ޒަމާނަކަށް" ނަމުގައި ފ. ނިލަންދޫގައި ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ވޯޓުލުމަށް ހަފްތާއަކަށްވުމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންތިޚާބު ދޫކޮށްލައްވާ މަންޒަރު ފެނިވަޑައިގަންނަވާނެކަމަށް އިދިކޮޅު ކެންޑިޑޭޓު ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވާ ޢަބްދުއްރަޙީމް ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓަށް އެހެން ހީވުމަކީ ގޯހެއް ކަަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ގޮތަށް ރައީސް ޔާމީން ޢަމަލު ނުކުރައްވާނެކަން މި 5 އަހަރުގެ ތެރޭގައި އެމަނިކުފާނު ސާބިތުކޮށްދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި ރައީސް ޔާމީން އިންތިޚާބު ދޫކޮށްލައްވާނެކަމަށް އިދިކޮޅު ފަރާތްތަކުން މިހާރު ވިދާޅުވަނީ އެބޭފުޅުން އަތުގައި މިއަދު ރައްޔިތުންނަށް ދޭނެ އައު އުއްމީދެއް، އަދި ދައްކާނެ އައު ވާހަކައެއްވެސް ނެތުމުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"އެބޭފުޅުންގެ އަތަކު މިއަދު ދައްކާނެ ވާހަކައެއްނެތް. ކުރާނެކަމެއްނެތް. ރައްޔިތުންނަށް ވިއްކާނެ އެއްޗެއްނެތް. ރައްޔިތުންނަށް ދޭނެ އުއްމީދެއްނެތް. ރައްޔިތުންނަށް ދޭނެ ހިތްވަރެއްނެތް. އެހެންވީމަ ޕޯޑިއަމްތަކަށް އަރާ އެފަހަރަކު ހިތައް އެރި އެއްޗެއް ކިޔަނީ. ރައީސް ޔާމީން އިންތިޚާބު ދޫކޮށްލައްވާނެކަމެއް އިބްރާހީމް މުޙައްމަދު ޞާލިޙަކަށް އެނގިވަޑައެއްނުގަންނަވާނެ. ރައީސް ޔާމީނަކީ އެމްޑީޕީގެ ސަރުކާރުގައި ވެރިކަންދޫކޮށްލައްވާފައިި ކެނެރީގޭ މުޙައްމަދު ނަޝީދު ދިޔަހެން ވަޑައިގަންނަވާނެ ބޭފުޅެއްނޫންކަން މި 5 އަހަރުގެ ތެރޭގައި ޢަމަލީގޮތުން ސާބިތުކޮށްދީފި." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ، އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓުގެ ވާހަކަތަކަށް ބަލާލާއިރު ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް އިދިކޮޅު ކެންޑިޑޭޓާއި، އެބޭފުޅާގެ ރަނިން މޭޓަށް ނުފެންނަށްކަން ހާމަވަމުންދާކަމަށެވެ. އަދި އެފަދަ ބަޔަކު ވެރިކަމަށް އައުމުން ރައްޔިތުން ފެންނާނެކަމާމެދުވެސް ސުވާލު އުފެދޭކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"ދުވާފަރުގައި ވާހަކަދައްކަވަމުން އިދިކޮޅު ކެންޑިޑޭޓް ވިދާޅުވީ ތިމަންނައާއި ތިމަންނަގެ ރަނިން މޭޓާއި ދެބޭފުޅުން ރާއްޖޭގެ 125 ރަށަކަށް މިހާތަނަށް އައިއިރުގައި ދަތުރުކޮށްފީމޭ. ދަތުރުކުރިއިރު ތިމަންނަމެންނަކަށް ނުފެނުނޭ ރައީސް ޔާމީންގެ ވެރިކަމުގައި ކުރައްވާފައިހުރި އެއްވެސް ކަމެއް މިއިން އެއްވެސް ރަށަކުން. އެހެންވީމަ އަޅުގަނޑު ހިތަށްއަރަނީ މިފަދަ ބޭފުޅަކު ވެރިކަމަށް ވަޑައިގަތީމާ އަނެއްކާ ރައްޔިތުން ފެންނާނެބާއޭ؟ ނޫނީ ވެރިކަން މިކުރެވެނީ ރާއްޖޭގައިކަމާމެދު އިޙްސާސްކުރެވޭނެ ބާއޭ؟ މިއީ ސުވާލު އުފައްދަންޖެހޭ ކަމެއް. އެއީ ރާއްޖޭގައި މިއޮތް 178 ރަށުގެ ތެރޭގައި ރައީސް ޔާމީންގެ މި ޒަޢާމަތުގައި ތަރައްޤީގެ މަޝްރޫޢެއް ނުހިނގާ އެއްވެސް ރަށެއް ނެތް. މިއީ ޔޯލަކޮށް ދައްކާ ވާހަކައެއްނޫން. ރަށްވެހި ތަރައްޤީފޮތަށް ބަލާލީމަ ހިންގި މަޝްރޫޢުތަކުގެ ތަފްސީލު އެނގޭނެ." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ވޯޓުލުމަށް ރައްޔިތުން ނިކުންނަންވާނީ ސިޔާސީ ފިކުރުން އެއްކިބާވެ، ޤައުމީ ފިކުރެއްގައިކަމަށް ޢަބްދުއްރަޙީމް ވިދާޅުވާ ވިދާޅުވުން ރޭގެ ޖަލްސާގައިވެސް ވަނީ ތަކުރާރުކުރައްވާފައެވެ.