ޚަބަރު

މެރިޓައިމް ސިލްކް ރޯޑް މަޝްރޫޢަށް ރާއްޖޭގެ އެއްބާރުލުން ލިބޭނެ- ރައީސް





 


ޗައިނާގެ ރައީސް ޝީ ޖިންޕިން އެންމެ އިސްކަމެއްދެއްވާ އެއް މަޝްރޫޢު ކަމަށްވާ މެރިޓައިމް ސިލްކް ރޯޑް މަޝްރޫޢަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދޭދޭ ޤައުމުތަކުގެ ގުޅުމުގެ އެއްބަސްވުންތަކާއި ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ދެ މަޝްރޫޢު އިފްތިތާހްކުރެއްވުމަށް ފަހު ދެ ޤައުމުގެ ރައީސުން ދެއްވި ޕްރެސް ސްޓޭޓްމަންޓްގައެވެ.


 
ރައީސް އޮފީހުގައި ދެޤައުމުގެ ރައީސުން ދެއްވި ސްޓޭޓްމަންޓްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި ރާއްޖެ ކުޑަ ޤައުމަކަށްވީތީ ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ޗައިނާއަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.


 
މިރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ޗައިނާގެ ވަރަށް ގާތް ގައުމެއްކަން ފާހަގަކުރައްވާ، ކުރިމަގުގައިވެސް ރާއްޖެއަށް އެހީތެރިވެދެއްވުމަށް ތައްޔާރަށް އޮތްކަމަށް ވިދާޅުވިއެވެ. ޚާއްސަކޮށް އުމްރާނީ ތަރައްގީގެ ރޮނގުން ރާއްޖެއަށް އެހީތެރިވެދެއްވާނެކަމުގެ ޔަގީންކަން ޝީ ޖިންޕިންގ ދެއްވިއެވެ.


 
 


ރައީސް ޔާމިންގެ ވާހަކަފުޅުގައި މެރިޓައިމް ސިލްކް ރޯޑް މަޝްރޫޢުއަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.  މި ބައްރުގެ އެހެން ޤައުމުތަކުގެ ތެރެއިން ސްރީލަންކާ އާއި ސިންގަޕޫރުންވެސް ރާއްޖެއެކޭ އެއްގޮތަށް މެރިޓައިމް ސިލްކް ރޯޑް މަޝްރޫއަށް ތާއީދުކުރާކަން މީގެ ކުރިންވަނީ ހާމަކޮށްފައެވެ.