ފާފު އަތޮޅުގައި ހިންގަން މަސައްކަތްކުރެއްވި ދިހަ ބިލިއަން ޑޮލަރުގެ މަޝްރޫޢު ހިންގުމުގެ އުއްމީދު އަދިވެސް އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ފ.ނިލަންދޫގައި ޕީޕީއެމުން ބޭއްވި "ތަރައްޤީ އައު ޒަމާނަކަށް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފާފު އަތޮޅު ސަރަޙައްދަށް ގެންނަން މަސައްކަތްކުރާ މަޝްރޫޢަކީ ނިލަންދޫއާއި މުޅި އެ ސަރަޙައްދުވެސް ފާހަގަކޮށްލެވޭ ސަރަޙައްދަކަށް ވެގެންދާނެ މަޝްރޫޢެއްކަމަށެވެ. އަދި މިމަޝްރޫއަށް އިދިކޮޅު ފަރާތްތަކުން ހުރަސް އެޅީ ރައްޔިތުންނަށް ހެޔޮ އެދިގެން ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސްގެ ވާހަކަފުޅުގައި އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް އޮތް އޮތުމާ ދެކޮޅު ހައްދަވާއިރު ރާއްޖެއަކީ ބިން ނެތިގެން އުޅޭތަނެއް ނޫންކަމަށެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި މިއަދު އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އަރައިގެން މަސައްކަތްކުރަނީ އެފަރާތްތަކުން ކޮށްފައިވާ ކުށްތަކުން ރެކެވޭނީ މިސަރުކާރު ބަދަލުކޮށްގެންކަމަށް އެފަރާތްތަކަށް ޤަބޫލުކުރެވޭތީކަމަށް ތުހުމަތުކުރެއްވިއެވެ. ރައީސް ވިދާޅުވީ އެކަމަށް ފުރުސަތު ދީފިނަމަ އަނެއްކާވެސް ވިޔާނުދާކަންކަން ޤައުމުގައި އުފެދި ސިޔާސީ ފަރާތްތަކުގެ ތެރޭގައި ހަލަބޮލިކަން އުފެދިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ރައްޔިތުން ވަރަށް ވިސްނައިގެން ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ނިލަންދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.