ޚަބަރު

މައުމޫނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި އިހުމާލެއް ނުވަން - ކަރެކްޝަނަލް ސަރވިސް


އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅުމުގެ ކުށް ސާތިބުވެ، ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި އިޙުމާލުވެފައި ނުވާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން މިހެން ބުނީ މާފުށީ ޖަލުގައި ޙުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސިއްޙީ ޙާލަތާ ގުޅޭ ގޮތުން، އެމަނިކުފާނުގެ ވަކީލު ދައްކަވާ ހަޤީޤަތާ ޚިލާފު ވާހަކަތަކާ ގުޅިގެނެވެ.

ކަރެކްޝަނަލް ސަރވިސުން ނެރުނު ބަޔާނުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މާފުށީ ޖަަލަށް ގެންދެވުނީއްސުރެ، އެމަނިކުފާނުގެ އުމުރާ ބަލި ޙާލަތާއި ގުޅިގެން ޙާއްސަ އުޞޫލެއްގެ ދަށުން އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް ބުނެފައިވެއެވެ. މިގޮތުން މައުމޫންގެ އާލަސްކަންފުޅަށް ބޭނުންވާ ޑޮކްޓަރުންނާއި ބޭހުގެ ހުރިހާ ކަމެއްވެސް ހަމަޖައްސައިދީ، ބޭނުންވާ ވަގުތުގައި ޑޮކްޓަރުންގެ ޚިދުމަތްވެސް ހަމަޖައްސައިދީފައިވާކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫން ޖަލުގައި އުޅުއްވަނީ އެމަނިކުފާނަށް ޚާއްސަކޮށްފައިވާ ވަކިތަނެއްގައި ކަމަށާއި އެމަނިކުފާނުގެ ޙާލުކޮޅު ބައްލަވައި، އެހީތެރިވެވަޑައިގެން ދެއްވުމަށްޓަކައި އަނބިކަނބަލުން ކޮންމެ ދުވަހަކުވެސް ވަޑައިގަތުމުގެ ފުރުޞަތު ފަހިކޮށްދެއްވާފައިވާކަމަށް ކަރެކްޝަނަލް ސަރވިސުން ބުނެއެވެ.

ކަރެކްޝަނަލް ސަރވިސްގެ ބަޔާނުގައި އެފަރާތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާމެދު ޙަޤީޤަތެއް ނެތް މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅުމުގެ ކުށް ސާތިބުވެ، ކުރީގެ ރައީސް އަލްއުސްޛާޒު މަޢުމޫން އަބްދުލްޤައްޔޫމް ގެންދަވަނީ އެއް އަހަރާ ހަތް މަހުގެ ޖަލު ޙުކުމެއް ތަންފިޒުކުރައްވަމުންނެވެ.