ޚަބަރު

ދީނީ ފަތުވާދީގެން އެއްވެސް އިލްމުވެރިއަކަށް މިސަރުކާރުން ގޯނާ ކޮށްފައެއްނުވޭ- ޑރ.ޝަހީމް


ދީނީ ފަތުވާދީގެން އެއްވެސް އިލްމުވެރިއަކަށް މިސަރުކާރުން ގޯނާ ކޮށްފައިނުވާ ކަމަށާއި، ރައީސް ޔާމީން މަސައްކަތް ކުރެއްވީ ވީހާވެސް ގިނަ ފުރުޞަތުތަކާއެކު ދީނީ ފަލްސަފާ ކުރިއަރުވަން ކަމަށް ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ މިހާރު އެމަނިކުފާނު ހައްދުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖެ އޮތީ ދީނީ ބޮޑު ގޮންޖެހުމެއްގެ ތެރޭގައި ކަމަށާއި، އެހެން ނަމަވެސް ރައީސް ޔާމީންގެ ހިކުމަތްތެރި ވިސްނުންފުޅާއެކު އެ ހުރިހާ ގޮން ޖެހުންތަކުން ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ވާސިލްކޮށްދެއްވާފައިވާ ކަމަށެވެ.

"ތިޔަ ބޭފުޅުން ނިކަން ބައްލަވާ. ރާއްޖޭގެ ކޮން ދީނީ އިލްމުވެރިއަކަށްތޯ ރައީސް ޔާމީން ހުރަސް އެޅުއްވީ. އެއްވެސް ދީނީ އިލްމްވެރިއަކަށް ސަރުކާރުން ގޯނާއެއް ނުކުރޭ. ރައީސް ޔާމީންގެ ހިކުމަތުގެ އަމަލީ ބޭނުން ކުރައްވައިގެން ދީނީ އިލްމްވެރިން ފަތުވާ ދީ. ދަރުސްދީ ކިތަންމެ ކަމެއް އެބަކުރެވޭ." ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ކުރީގެ ސަރުކާރެއްގައި ރާއްޖޭގެ ދީނީ އިލްމުވެރިންތަކެއް ނުހައްގުން ޖަލަށް ލައިގެން އަނިޔާކޮށް ޗިލީ ސޯސް އުނގުޅާފަ ތުނބުޅި ބޭލުންފަދަ ރަހުމްކުޑަ އަނިޔާކުރިކަން ރާއްޖޭގެ ތާރީޚު ދެކިފައިވާ ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި އެފަދަ އެއްވެސް ކަމެއް ހިނގާފައިވާ ނުވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އިޚްތިޔާރުކޮށް އެމަނިކުފާނަށް ދެވަނަ ދައުރަކަށް ރާއްޖޭގެ ވެރިކަން ދޭން ޖެހޭ ސަބަބު ޑރ.ޝަހީމް ވަނީ ބުނެދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖެ އޮތް ހާލަތާއި މިހާރު އޮތް ހާލަތު ޑރ.ޝަހީމް ތަފްސީލްކޮށް ދެއްވިއެވެ.

"ކުރީގައި ދިވެހިން ބޭސްފަރުވާއަށް ބޭރަށްދާއިރު ބޭނުންކުރާނެ ޑޮލަރު ކޮޅު ލިބެނީ ވަރަށް ހާލުން. އެކަމަކު މިހާރު އެހެންތޯ. ތިބޭފުޅުން ބައްލަވާ. ފުރަން ގޮސް އެއާޕޯޓުގައި ހުންނަ ބޭންކުގެ ކައުންޓަރަށް ޕާސްޕޯޓު ދައްކާލާއިރަށް ފަސޭހަކަމާއެކު ކޮންމެ ބޭފުޅަކަށްވެސް ޑޮލަރު ލިބޭ." ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ ކޮންމެ ވެރިކަމެއްގައިވެސް ހައްލުކުރަން ޖެހޭނެ މައްސަލަތައް ހުންނާނެ ކަމަށާއި އެހެން ނަމަވެސް އެ ހުރިހާކަމެއްވެސް އެއްމެ ކުޑަ ވާނީ އަދުގެ ސަރުކާރުގައި ކަމަށެވެ. އެހެން ކަމުން ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ ރާއްޖޭގައި ހުރި ހުރިހާ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކަލައިދޫ ރައްޔިތުން އެމަނިކުފާނަށް ވޯޓު ދިނުމަށް ޝަހީމް ވަނީ އެދިވަޑައިގެންފައެވެ.

ޑރ.ޝަހީމް ވަނީ ކަލައިދޫއަށް ވަޑައިގެން އެރަށުގައި ދޮރުން ދޮރަށް ހިންގަވާ ވަކިވަކި ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ އިހުސާސްތައް އަޑު އައްސަވާފައެވެ. އަދި އެކިއެކި އުމުރު ފުރާތަކުގެ ގްރޫޕްތަކާ ބައްދަލު ކުރައްވާ އެ ފަރާތްތަކުގެ ޚިޔާލު ހުރި ނެތް ގޮތް ބައްލަވާ އޮޅުންފިލުއްވާފައެވެ.

ދީނީ ފަތުވާދީގެން އެއްވެސް އިލްމުވެރިއަކަށް މިސަރުކާރުން ގޯނާ ކޮށްފައިނުވާ ކަން ޑރ. ޝަހީމް ފާހަގަކުރައްވާފައިވާއިރު، ރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްކަމަށްވާ ސަލަފް ޖަމްޢިއްޔާގެ ރައީސް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި ދީނީ ފަތުވާއެއްދީގެން ދީނީ ޢިލްމުވެރިއަކު، މިހާތަނަށް ހައްޔަރުކޮށް ޖަލަށްލާފައި ނުވާކަމީ ފާހަގަކޮށްލަށްޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ.

ސަލަފުގެ ރައީސް މިހެން ވިދާޅުވެފައިވާއިރު، ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހަމަޖެއްސުމާ ގުޅިގެން ރާއްޖޭގެ ގިނަ ޢިލްމުވެރިންތަކެއްވަނީ ރައީސް ޔާމީނަށް ތާއީދުކޮށް އެކަމަށް މަރުޙަބާ ކިޔާފައެވެ. އަދި އެއީ ދީނީ ކަންކަން ޕްރޮމޯޓުކޮށް، އެކަމަށް ފުރުޞަތު ފަހިކޮށްދިނުމަށް ރާއީސް ޔާމީން ގެންގުޅުއްވާ ސިޔާސަތު ހާމަވާކަމެއްކަން ޢީލްމުވެރިންވަނީ ފަހަގަކުރައްވާފައެވެ.

ދިވެހި މުޖުތަމައަކީ އިސްލާމް ދީނަށް ލޯބިކުރާ މުޖުތަމައަކަށް ހެދުމަށްޓަކާ ސަރުކާރުން ދަނީ ގިނަ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރައީސް ޔާމީން ވަނީ ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި "ތަރިކަ" ނަމުގައި ޚާއްޞަ މަޝްރޫޢެއްވެސް ފަށްޓަވާފައެވެ.