ޚަބަރު

ބާތިލްކުރި ފޯމްތަކުގައި ޙައްޖާޖީން ހިމެނިފައިވާނަމަ އަލުން ރަޖިސްޓްރީވުމަށް ފުރުޞަތު ދޭނަން - އީސީ


ސައްޙަކަން ކަށަވަރު ނުވެގެން ބާތިލްކޮށްފައިވާ ރީ ރަޖިސްޓްރޭޝަން ފޯމްތަކުގައި ޙައްޖުގެ އަޅުކަމަށް ގޮސްފައިވާ ފަރާތެއްވާނަމަ އެފަރާތަކަށް އަލުން ރީ ރަޖިސްޓްރީވުމުގެ ފުރުޞަތު ދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ
މަޢުލޫމާތު ސައްޙަނުވުމުގެ ސަބަބުން ބާތިލްކުރި ފަސްހާހަށްވުރެ ގިނަ ރީ ރެޖިސްޓްރޭޝަން ފޯމުގެތެރޭގައި ޙައްޖުގެ އަޅުކަަމަށް ގޮސްފައިވާ ފަރާތެއްގެ ފޯމުވޭތޯ ބެލުމުގެ މަސައްކަތް މިހާރު އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.

އަކްރަމް ވިދާޅުވީ އެފަދަ ފަރާތެއްގެ ވޯޓުލުމުގެ ޙައްގަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ. އަދި ވިދާޅުވީ ބާތިލްކޮށްފައިވާ ފޯމްތަކުގައި ޙައްޖުވެރިން ހިމެނިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދަނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ޙައްޖުވެރިންގެ ވޯޓު ރަޖިސްޓްރީ ކުރުމަށް ޢަމަލުކުރާނެ ވަކި ގޮތެއް މިހާތަނަށް އަދި ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް އެފަރާތްތަކުގެ ވޯޓްލުމުގެ ޙައްޤު ކަށަވަރުކޮށްދޭނެކަމުގެ ޔަޤީންކަން ކޮމިޝަންގެ ފަރާތުުންދޭ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް، ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރި މީހުންގެ ތެރެއިން މަޢުލޫމާތުގެ ސައްޙަކަން ކަށަވަރު ނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ 5626 ފޯމު ބާތިލްކޮށްފައެވެ. އަދި އެފަރާތްތައް އަލުން ރަޖިސްޓްރީވުމަށްވެސް އިލެކްޝަނުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ބާތިލްކުރި މީހުން އަލުން ރަޖިސްޓްރީވުމަށް އިލެކްޝަނުން ވަނީ ހުޅުވާލައިފައެވެ.