ޚަބަރު

ހިޔާ މަޝްރޫޢަށް 11000 ފޯމް، ހިޔާ އެކޮމްޕްލިޝްޑް މަޝްރޫޢަށް 1000 ފޯމް ހުށަހަޅައިފި


ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާ ވަހިކަމުގެ މަޝްރޫއު "ހިޔާ" ފްލެޓަށް އެދި މިހާތަކަށް 11000 ވުރެ ގިނަ ފޯމް އަދި ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުއުގެ ދަށުން ވިލިމާލެ 2 އިން ފްލެޓާއި ބިމަށް އެދި 1000 އަށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވާކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕިއެސްއެމް ނިއުސްގެ "ތަރައްޤީ އާ ޒަމާނަކަށް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު "ހިޔާ" ގެ ފްލެޓްތަކަށް ފޯމް ހުށަހެޅުމަ ހުޅުވާލި ފުރުޞަތުގައި މިހާތަނަށް ޖުމްލަ 11752 ފޯމް ހުށަހަޅާފައިވާކަމަށެވެ. ހިޔާ މަޝްރޫއުގެ 9000 ފްލެޓްގެ ޢަމަލީ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މުޅި މަޝްރޫއުގައި ދޭނެ ފްލެޓުތަކުގެ ޢަދަދު 11000 އަށް ވުރެ ގިނަކަމަށެވެ.

ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި ކުރިޔަށް ގެންދާ ބޯހިޔާވަހިކަމުގެ މި މަޝްރޫއަށް 40 ހާހަށްވުރެ ގިނަ ފޯމް ނަގާފައިވަކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ 2 ވަނަ މަޝްރޫއުއަކީ "ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫޢުއެވެ. މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވީ ހިޔާ އެކޮމްޕްލިޝްޑް މަޝްރޫޢުގެ ދަށުން، ފްލެޓާއި، ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުން މިހާތަނަށް 6352 ފޯމް ހައުސިން މިނިސްޓްރީން ނަގާފައިވާކަމަށެވެ. އަދި ފޯމްތައް ބަލައިގަންނަން ފެށައި މިވީ މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި 1532 ފޯމް ހުށަހަޅާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި މަސައްކަތުގެ ޢަމަލީ މަސައްކަތް ނުފެށިނަމަވެސް ރައްޔިތުންގެ އިތުބާރު މި މަސައްކަތައްވެސް ލިބިފައިވާކަމަށެވެ.

އުމުރުން 18 އަހަރު ފުރިފައިވާ، އަދި 1000 އަކަފޫޓުގެ ގޯއްޗެއް ނުވަތަ ބިމެއް އަމިއްލަ ނަމުގައި ނުވަތަ ވާރުތަ މުދަލުގެ ތެރޭގައިވެސް ނުހިމެނޭ ކޮންމެ ދިވެހި ރައްޔިތަކަށްވެސް "ހިޔާ އެކޮންޕްލިޝްޑް" މަޝްރޫޢަށް އެދި ފޯމް ހުށަހެޅޭނެއެވެ. މި މަޝްރޫޢުގެ ދަށުން ގުޅީފަޅުން 230 ހެކްޓަރު އަދި މާލޭ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ހިމެނޭހެން 1000 ހެކްޓަރަށްވުރެ ބޮޑު ބިމެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.