ޚަބަރު

ފޯމް ބާތިލުވި މީހުން އަލުން ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލަނީ


ރިޔާސީ އިންތިޚާބުގައި ވޯޓްލުމަށް ރީރަޖިސްޓްރީކުރުމަށް ފޯމް ހުށަހެޅި 5 ހާހަށްވުރެ ގިނަ މީހުންގެ ފޯމްގެ ސައްޙަކަން ކަށަވަރު ނުވެގެން އަލުން ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީރަޖިސްޓަރ ވުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 5600 އަށް ވުރެ ގިނަ ފަރާތްތަކުގެ ފޯމުގައިވާ މައުލޫމާތުގެ ސައްޙަކަން ކަށަވަރު ނުވާތީ އެފޯމްތައް ބާތިލްކޮށްފައިވާކަމަށެވެ. އަދި މި ފަރާތްތައް އަލުން ރީ-ރަޖިސްޓްރީ ވުމުގެ ފުރުޞަތު މިމަހުގެ 27 އިން ފެށިގެން 29 ނިޔަލަށް ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ސައްޙަކަން ކަށަވަރު ނުވުމުގެ ސަބަބުން ފޯމު ބާތިލުވެފައިވާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ވަނީ ޢާންމުކޮށްފައެވެ. އަދި މި މައުލޫމާތު ސިޔާސީ ޕާޓީތަކާ ޙިއްޞާ ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރީރަޖިސްޓްރޭޝަނަށް އަލުން ހުޅުވާލި ފުރުޞަތުގައި ރީރެޖިސްޓްރީ ކުރެވޭނީ ހަމައެކަނި އެކޮމިޝަނުން ޢާއްމުކޮށްފައިވާ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް އެކަނި ކަމަށެވެ. ފޯމްތައް ބާތިލުވި މީހުންނަށް، ފޯމް ބާތިލުވިކަން އެސްއެމްއެސް މެދުވެރިކޮށް ގެންދަނީ އަންގަމުންނެވެ.

ރަށްވެހިވެފައިވާ ތަން ނޫންތަނެއްގައި ވޯޓްލުމަށް ހުޅުވާލި ފުރުޞަތުގައި 95 ހާހަށްވުރެ ގިނަ މީހުން ރީރަޖިސްޓްރިވުމަށް ފޯމް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ބުނެފައެވެ.