ޚަބަރު

ކިންގ ސަލްމާން މިސްކިތުގެ މަސައްކަތް މިއަހަރު ނިމޭނެ - މިނިސްޓަރ


ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް "ކިންގް ސަލްމާން" މިސްކިތުގެ ކޮންކްރީޓް މަސައްކަތް އަންނަމަހު ނިންމައި، މިއަހަރުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ތަރައްޤީ އައު ޒަމާނަކަށް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މިހާރު ކުރިއަށްދަނީ މިސްކިތުގެ އެންމެ ފަހު ފަންގިފިލާގެ ކޮންކްރީޓް މަސައްކަތްކަތްކަމަށާއި މި މަސައްކަތް ނިމުމުން ފިނިޝިން މަސައްކަތް ފަށާނެކަމަށެވެ. އަމާޒަކީ މިއަހަރުގެ ނިޔަލަށް މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާލުންކަން ފާހަގަކުރައްވައި ހައުސިން މިނިސްޓަރ ވިދާޅުވީ އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ މަހު މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދާ ސްޕީޓްގައި ކުރިއަށްދާނަމަ މި މަސައްކަތް ނިންމަން އަމާޒުކޮށްފައިވާ ދުވަހަށް ނިންމާލެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތް ޑިޒައިންކޮށްފައިވަނީ އިސްލާމީ ވަޙުދަތު ދައްކުވައިދޭ ބިނާއެއްގެ ގޮތަށެވެ. މި މިސްކިތުގައި ނަމާދުކުރުމަށް ޚާއްޞަ ބައިގައި އެއްފަހަރާ 6000 މީހުންނަށް ނަމާދުކުރެވޭނެކަމަށާއި، އަދި ބޮޑެތި ޖަމާޢަތްތަކުގައި މިސްކިތުގެ އެހެން ބައިތައް ހިމެނޭގޮތުން އެއްފަހާރާ ދިހަހާސް މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ. ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވަނީ ކުތުބުޚާނާއަކާއި، ޤުރުއާނާބެހޭ މަރުކަޒަކާއި، މަލްޓި ޕަރޕަސް ހޯލަކާއި، ޖަލްސާކުރާ މާލަމަކާއި، އޮޑިޓޯރިއަމަކާއި ޕާކިންގް އޭރިއާއެއްވެސް ހިމެނޭގޮތަށެވެ.

ކާނިވާ ސަރަޙައްދާ އިންވެގެން އާރޓިފިޝަލް ބީޗް ސަރަޙައްދުގައި ބިނާކުރާ މި މިސްކިތަކީ ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކުރާ މިސްކިތެކެވެ.