ޚަބަރު

ރައީސް ޔާމީންގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއެކު އިދިކޮޅު ކެނޑިޑޭޓް ގޮތްހުސްވެއްޖެ - ޑރ. މުޢިއްޒު


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއެކު، އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުޙައްމަދު ސާލިޙް ގޮތްހުސްވެ ދެކޮޅު ނުޖެހޭވާހަކަތައް ދައްކަން ފަށާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިޒް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ތަރައްޤީ އައު ޒަމާނަކަށް ޕްރޮގްރާމްގައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާބެހޭ އެންމެ ފަހުގެ މައުލޫމާތު ޙިއްޞާކުރައްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ "ހިޔާ" މަޝްރޫޢު ހުއްޓުމެއްނެތި ކުރިއަށްދާކަމަށެވެ. އަދި މިނިވަންދުވަހު ރައީސް އިޢުލާނުކުރެއްވި "ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫޢަކީ ރާއްޖޭގައި ބޯހިޔާވައިކަން ބޭނުންވެފައި ތިބި ހުރިހާ އެންމެނަށް ބޯހިޔާވަހިކަން ލިބޭނެ މަޝްރޫޢެއްކަން ފާހަގަކުރައްވައި ހައުސިންގ މިނިސްޓަރ ވިދާޅުވީ ހިޔާ އެކޮމްޕްލިޝްޑް މަޝްރޫޢު އިޢުލާންކުރުމާއެކު މިހާރުވެސް 6000 އަށްވުރެ ގިނަ މީހުން ފޯމް ނަގާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިކަމުން ދޭހަވަނީ ރައީސް ޔާމީން އިޢުލާންކުރެއްވި މަޝްރޫޢަށް ރައްޔިތުން އިތުބާރު ކުރާކަން ކަމަށެވެ. މިމަޝްރޫޢުތައް ފުރިހަމަކަމާއި، ރޭވުންތެރިކަމާއެކު ކުރިއަށްދާ މަންޒަރު އިދިކޮޅު ކެނޑިޑޭޓަށް ފެނިވަޑައިގެން، ދެކޮޅުނުޖެހޭ ވާހަކަތައް ދައްކަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެމް.ޑީ.ޕީގެ ކެނޑިޑޭޓް މިހާރު ހާސްވެގެން ހަދާނެގޮތެއް ނޭންގިގެން ތާކުންތާކު ނުޖެހޭ ވާހަކަ ދައްކާކަން އަޅުގަނޑުމެން ފާހަގަކުރަން. ހައިރާނެއް ނުވޭ. އެއީ އެކިފަހަރު އެކިވާހަކަ މިދައްކަނީ. ފުރަތަމަކަމަކަށް ވިދާޅުވެދާނެ ދިވެހި ރައްޔިތަކަށް ވިއްޔާ ކޮންމެ ދިމާލަކުންވެސް ބޯހިޔާވަހިކަން ލިބޭނެއޭ. އެއީ ޤާނޫނު އަސާސީގައިވެސް އޮތް އެއްޗެއް ކުރީގައިވެސް. އެހެންވީމަ އެއީކީ ވަޢުދެއް ނޫން. ދެން މި ވިދާޅުވަނީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނަމޭ. ރައީސް ޔާމީން އެކަން އިއުލާންކުރައްވައި ހިޔާ މަޝްރޫޢު ފައްޓަވައިފި." - ހައުސިންގ މިނިސްޓަރ

މާލޭ ރައްޔިތުންނަށް ފްލެޓް އަޅާނެކަމަށް ބުނެ އިދިކޮޅު ކެނޑިޑޭޓް ވާހަކަތައް ދައްކަވާއިރު، ރައީސް ޔާމީންގެ ސަރުކާރުން އެންމެ ފަހުން ހުޅުމާލޭގައި ކުރިއަށްގެންދަން ނިންމެވި ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ރައްޔިތުންގެ މަޖިލިސް ތެރެއިން ދެކޮޅު ހެދީވެސް މިހާރު އިދިކޮޅުގައި ތިބި ފަރާތްތަކުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"1500 ފްލެޓް އޮތީ އަތޮޅުތެރޭގެ އެކި ރަށްރަށުގައި އަޅަން އެކަމަކު އޭގެ ތެރެއިން 704 ފްލެޓް ހުޅުމާލޭގައި އަޅަން ނިންމީ އަތޮޅުތަކުން ގިނަބަޔަކު މާލޭގައި އުޅޭތީއާ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ ނިސްބަތުގެ ބޮޑުކަމުން، އެގޮތަށް ނިންމަވައި 2014 ގައި އެމަނިކުފާނު ހުށަހެޅުއްވި ފުރަތަމަ ބަޖެޓު ހުށަހެޅި އިރު މަޖިލީހުން ފާސްކުރަން ޖެހޭކަމަކަށް ވާތީވެ މިކަން ހުށަހެޅުއްވީ، އެމް.ޑީ.ޕީ މެންބަރުން މިކަމާ ދެކޮޅަށް ވަކާލާތުކޮށް، ވޯޓު ނުދެއްވައި މިކަމާ އިދިކޮޅަށް މަސައްކަތް ކުރެވީ މިހާރުގެ އިދިކޮޅު ކެނޑިޑޭޓް އިސްކޮށް ހުނަވައިގެން" މިނިސްޓަރ ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތެއް ގެންގުޅުއްވާކަމަށް ބުނެ އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވިދާޅުވެފައިވަނީ ރާއްޖޭގައި މިވަގުތު ބޯހިޔާވަހިކަން ބޭނުންވަނީ 20 ހާސް ރައްޔިތުންނަށްކަމަށެވެ. ނަމަވެސް މިކަން ކުރާނީ ކިހިނެއްކަމެއް އަދި މިކަމަށް ގެންގުޅުއްވާ ޕްލޭނެއްވެސް އިބްރާހިމް މުޙައްމަދު ސާލިޙް ހާމަކޮށްފައެއް ނުވެއެވެ.