ރިޔާސީ އިންތިޚާބު އަމާން އިންތިޚާބަކަށް ހެދުމަށް ފުލުހުންކުރަމުންދާ މަސައްކަތުގައި ޢާއްމުން އެއްބާރުލުން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ރިޔާސީ އިންތިޚާބަށް ފުލުހުންގެ މުއައްސަސާއިން ވަމުންދާ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތު ޕީއެސްއެމް ނިއުސްގެ "ވޯޓަށް ތައްޔާރު" ޕްރޮގްރާމްގައި ޙިއްޞާކުރައްވަމުން މޯލްޑިވްސް ޕޮލިސް ސަރވީސްގެ ސްޕޯކްސްޕަރސަން، ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ އަންނަ މަހު ބާއްވާ އިންތިޚާބު އަމާން އިންތިޚާބަކަށް ހެދުމަށް ފުލުހުންގެ މުއައްސަސާ އޮތީ ތައްޔާރަށްކަމަށެވެ. އަދި އިންތިޚާބު އޮންނަ ދުވަހު ދިމާވެދާނެ ކޮންމެ ކަމަކަށްވެސް ފުލުހުން އޮތީ ތައްޔާރީ ޙާލަތެއްކަމަށް ޝިފާން ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ފުލުހުނަށް ޚާއްސަ ޓްރެއިނިންގތައް ކުރިއަށްގެންދާއިރު އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް އިންތިޚާބަށް ޚާއްސަ ތަމްރީންތައްވެސް ފުލުހުންނަށް ދީފައިވާކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ. ޝިފާން ވިދާޅުވީ އިންތިޚާބުގައި ފުލުހުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޙަރަކާތްތެރިވާނެކަމަށެވެ.
"ފުލުހުންގެ ޙައިސިއްޔަތުން އަޅުގަނޑުމެން ނަސޭހަތްތެރިވަނީ ދިވެހިރާއްޖެއަށް ދެރަ ގޮތެއް ވާނެ އެއްވެސް ކަހަލަ ޢަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް. އަދި ދިވެހި ފުލުހުން ޔަގީންކަން އަރުވަނީ އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުން އަބަދުވެސް ފުލުހުންނަށް ދެއްވާ އެއްބާރުލުމާ އެހީތެރިކަމާއެކީގައި ވޯޓް ލުމުގެ ކަންތައްތައް ދިވެހި ފުލުހުންގެ ފަރާތުން އެންމެ މަތީ ދަރަޖައަށް އިންތިޒާމްކުރުމަށްޓަކާ ދޭންޖެހޭ އެހީތެރިކަން ފުލުހުން ދޭނެ." ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްގެ "ވޯޓަށް ތައްޔާރު" ޕްރޮގްރާމަށް މަޢުލޫމާތު ދެއްވަމުން ރަށްރަށުގައި ޤާއިމްކޮށްފައިވާ ފުލުހުންގެ އިދާރާތަކުގެ ކޮމާންޑަރުންވަނީ މިހާތަނަށް އަތޮޅުތެރޭގައި ފުލުހުން އިންތިޚާބަށް ވަމުންދާ ތައްޔާރީތައް ޕީއެސްއެމް ނިއުސްއާ ޙިއްޞާކުރައްވާފައެވެ.
ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތައް ސިލްސިލާކޮށް ކުރިއަށް ގެންދާއިރު އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ދިމާކޮށް ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. އަދި ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް އިލެކްޝަންސް ކޮމިޝަނާއެކު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.