ޚަބަރު

ރިންގް ރޯޑްގައި ތާރުއެޅުމުގެ މަސައްކަތް މިމަހު ނިމޭނެ - މިނިސްޓަރ


ސިނަމާލެ ބްރިޖް މަޝްރޫޢާ ގުޅިގެން ތަރައްޤީކުރާ މާލޭ ރިންގް ރޯޑްގައި ތާރުއެޅުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިމޭނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރިންގް ރޯޑްގައި ތާރުއެޅުމުގެ މަސައްކަތް ހުއްޓުމެއްނެތި 24 ގަޑިއިރު ކުރަމުންދާކަމަށެވެ. އަދި މި މަހުގެ ނިޔަލަށް މަގުގައި ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށާއި، މަސައްކަތް ނިމުނުހާ އަވަހަކަށް މަގުގައި ރޯޑްލައިން ކުރެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ފަށާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ސިނަމާލެ ބްރިޖާއެކު ކުރިއަށްގެންދާ ބޮޑުތަކުރުފާނު މަގުގެ ބައެއްގައި ތާރު އެޅުމުގެ މަސައްކަތް މިމަހުގެ 6 ވަނަ ދުވަހު ވަނީ ފަށާފައެވެ. މިމަސައްކަތް ކުރަމުންގެންދަނީ ހައުސިންގ މިނިސްޓްރީންނެވެ.

ސިނަމާލެ ބްރިޖާއެކު ހުޅުވުމަށް ހަމަޖެހިފައިވާ މާލޭ ރިންގް ރޯޑް މަޝްރޫޢުގެ ދަށުން ހުޅުމާލެ ފެރީ ޓަރމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާހަމައަށް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިހާރު ހުޅުމާލެ ޓަރމިނަލުން ފެށިގެން އާޓިފިޝަލް ބީޗް ކުރިމަތީ މަޖީދީމަގާ ހަމައަށް ތާރުއަޅައި ނިމިފައިވާއިރު، ތާރުއެޅުމުގެ ކުރިން އަޅާ ކޮންކްރީޓް ފަށަލަ އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ވަނީ އަޅާފައެވެ.

މާލޭ ރިންގް ރޯޑް ތަރައްޤީ ކުރަނީ 4 ލޭނަށް ދެކޮޅަށް ދުއްވޭ ގޮތަށެވެ. މީގެ އިތުރުން މަގުގެ ދުވާރު ފުޅާކޮށް 450 އަށްވުރެ ގިނަ ގަސް މަގުގެ ދެފަރާތުގައި އިންދުމަށް ވަނީ ހަމަޖެހިފައެވެ.