ރިޔާސީ އިންތިޚާބުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓްގައި ފްލައިޓްތައް ޖެއްސޭވަރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ހދ. ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިހާރު ހަލުވި ދުވެލީގައި ކުރިއަށްގެންދާ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ދާދި އަވަހަށް ނިމިގެން އެތަން ބޭނުން ކުރަން ފެށޭނެކަމަށެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު 23 ގައި އޮންނަ އިންތިޚާބުގައި، ވޯޓްލާން މާލޭގައި ތިބި ކުުޅުދުއްފުށީގެ ރައްޔިތުން ރަށަށް އަންނާނީ ހަގީގަތުގައިވެސް އެއާޕޯޓް މަގުން. އަޅުގަނޑުމެން އުއްމީދު ކުރަނީ އެގޮތަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.
ކުޅުދުއްފުށީގައިި އެއާޕޯޓް އަޅަނީ ހަމައެކަނި ކުޅުދުއްފުށީ ރައްޔިތުންގެ ފަސޭހައަށް ނޫންކަމަށާއި، އެއީ މުޅި އަތޮޅުގެ ތަރައްޤީއާ ގުޅިފައިވާ މަޝްރޫޢެކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އެ އަތޮޅުގައި ތަރައްޤީކުރާ 3000 އެނދަށް ބޭނުންވާ ފަތުރުވެރިންނާއި ރަށްރަށުގައި އުފެދިގެންދާ ގެސްޓްހައުސްތަކަށް ފަތުރުވެރިން އުފުލުން އެއީ އެއާޕޯޓް ހެދުމުގެ ބޭނުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދުގެ މައިބަދައަކީ ފަތުރުވެރިކަމުގެ ސިނާޢަތް ނަމަވެސް އުތުރުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީ ނުކުރެވިގެން އުޅެނީ އެސަރަޙައްދުތަކުގައި އެއާޕޯޓްތައް މަދުވުމުންކަމަށެވެ.
"ދިވެހިރާއްޖޭގެ މައި ސިނާޢަތެއްގެ ގޮތުގައި މިއޮތީ ފަތުރުވެރިކަން. މި ސިނާޢަތް އިތުރަށް ތަރައްޤީނުވެގެން އުޅޭ އެއް ސަބަބަކީ އުތުރުގައި އެއާޕޯޓްތައް މަދުވުން. އެހެން ކަމުން ހދ. އަތޮޅުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރާދާނެ ކުޅުދުއްފުށީ އެއާޕޯޓްގެ ސަބަބުން" ރައީސް ޔާމީން ވިދާޅުވިއެވެ.
ކުޅުދުއްފުށީ އެއަރޕޯޓާއެކު ހދ. ގައި ފަތުރުވެރިކަން ފުޅާވުމުން، އެއަތޮޅުގެ ޒުވާނުންނަށް ބޭނުންވާ ވަޒީފާގެ ފުރުޞަތުތައްވެސް ހުޅުވިގެންދާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކުޅުދުއްފުށީ އެއާޕޯޓު ހެދުމަށްޓަކައި އެރަށުގެ ފަޅުން ހަ ހެކްޓަރު، އަދި އެ ރަށުގެ ކުޅިން ނުވަ ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ. އަދި އެއަރޕޯޓް ރަންވޭ އެޅުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.