ޚަބަރު

އީޔޫއިން ފިޔަވަޅު އަޅާނެ 41 މީހެއްގެ ލިސްޓު އެބައޮތްކަމަށްބުނެ ފެތުރި ޚަބަރަށް ބަދަލު ގެނެސްފި


ވިލާތުގެ އިއްތިހާދު ނުވަތަ ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ފިޔަވަޅު އަޅާނެ ރާއްޖޭގެ 41 މީހެއްގެ ލިސްޓު އެބައޮތްކަމަށްބުނެ، އީޔޫ ޕާލަމެންޓުގެ މެންބަރަކަށް ހަވާލީ އީޕީ ޓުޑޭގައި އިއްޔެ ޕަބްލިޝްކުރި ޚަބަރަށް ވީނުވީއެއްނޭގި ބަދަލު ގެނެސްފިއެވެ.

އީޔޫ ޕާލަމެންޓް މެންބަރު ތޯމަސް ޒެކޮވޯސްކީއާ ހަވާލާދީ އީޕީ ޓުޑޭގައި އިއްޔެ އާންކުރު ޚަބަރުގައި، ބުނެފައިވަނީ ފިޔަވަޅު އަޅާނެ ރާއްޖޭގެ 41 މީހެއްގެ ނަން ހިމެނޭގޮތަށް ލިސްޓެއް އެބައޮތްކަމަށެވެ. ނަމަވެސް މިޚަބަރު ފެތުރުމާއެކު ބްރަސަލްގައި ހުންނަވާ ދިވެހި ސަފީރުވަނީ މިކަން ދޮގުކޮށް، އެފަދަ އެއްވެސް ލިސްޓެއް ނެތްކަން ޔަޤީކޮށް ދެއްވާފައެވެ. އަދި އެފަދަ ލިސްޓެއް އެކުލަވާ ލުމުގެ މަސައްކަތަކާއި އީޔޫ ޕާލަމެންޓުން ކުރާކަމެއް ނޫންކަމަށާއި އެފަދަ މަސައްކަތް ކުރާނީ އީޔޫ ކައުންސިލުންކަން ސަފީރު އަހުމަދު ޝިޔާން ފަހަގަކުރެއްވިއެވެ.

އީޕީ ޓުޑޭގައި ތޯމަސް ޒެކޮވޯސްކީއާ ހަވާލާދީ އާންމުކުރި ޚަބަރުގެ ތެދުދޮގު ކަށަވަރުނުކޮށް ރާއްޖޭގެ މީޑިޔާގެ ބައެއް ވަސީލަތްތަކުން ފަތުރާފައިވަނިކޮށް، މިއަދު ހަވީރުވަނީ އެއްކޮށް ބަދަލުކޮށްފައެވެ. އެގޮތުން ރާއްޖޭގެ 41 މީހެއްގެ ލިސްޓުގެ ވާހަކައާއި ފިޔަވާޅު އަޅާނެކަމަށް ބުނެ ތޯމަސްދެއްކި ވާހަކަތައްވަނީ އުނިކޮށްފައެވެ.

މިކަމާއިގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ބްރަސަލްސްގައި ހުންނަވާ ދިވެހި ސަފީރު އަޙްމަދު ޝިޔާން ވިދާޅުވީ، އީޕީ ޓުޑޭގައި ޖެހި ޚަބަރު އިސްލާޙުކޮށް އެވާހަކަތައް އެ އަރޓިކަލްއިން އުނިކުރުމުންވެސް އެއީ ދޮގެއްކަން ހާމަވެގެންދާކަމަށެވެ.

"އެ އަރޓިކަލްގައި ލިޔުނު ސެންކްޝަން ލިސްޓު ފެނުނު ވާހަކައާއި އެކަމާ ގުޅިގެން ހުރިހާ ވާހަކަތައް މިހާރު އެވަނީ އުނިކޮށްފަ. އެއީ ދޮގެއްވީމަ އެބޭފުޅުންނަށްވެސް ޕްރެޝަރުއައިސްގެން އުނިކުރީއެ" ޝިޔާން ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާން ވިދާޅުވީ، އެފަދަ ދޮގު މަޢޫލޫމަތުތައް ފަތުރަނީ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާ ސިޔާސީ މަޤްސަދެއް ހާސިލްކުރުމަށް ކަމަށެވެ. އަދި އެފަދަ ދޮގު ވާހަކަތައް ޤަބޫލުނުކުރުމަށް އޭނާ ގޮވާލެއްވިއެވެ.

ޝިޔާންގެ އިތުރުން ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީވެސްވަނީ އެޚަބަރު ދޮގުކަން ހާމަކުރައްވާފައެވެ. ޝައިނީ ވިދާޅުވީ އެފަދަ ލިސްޓެއްނެތް ކަމަށާއި ނަމަވެސް ޤައުމަށް ޣައްދާރުވި މީހުންގެ ލިސްޓެއް އެބައޮތްކަމަށާއި އެލިސްޓުގެ އެންމެ ކުރީގައި އޮތީ ކުރީގެ ރައީސް ނަޝީދުގެ ނަންކަމަށެވެ.