ޚަބަރު

ހުޅުމާލޭގައި މިއުޒިކާއި ބަޑިބޭހުގެ ކުޅިވަރުތަކާއެކު ޢީދު ފޯރިގަދަކޮށް ފާހަގަކޮށްފި


އަޟްހާ ޢީދު ފާހަގަކުރުމަށް ބަޑިބޭހުގެ ކުޅިވަރާއެކު ހުޅުމާލޭގައި ފޯރިގަދަ މިއުޒިކް ޝޯވއެއް ބާއްވައިފިއެވެ.

ރޭ ހުޅުމާލޭ ސެންޓްރަލް ޕާރކް ގައި ބޭއްވި މިއުޒިކް ޝޯއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ގިނަ ޢަދަދެއްގެ ޒުވާނުން މި ޝޯގައި ބައިވެރިވެ ޢީދު ފާހަގަކޮށްފައިވެއެވެ. މި ޝޯވްގައި ޗިޅިޔާ ބޮޑުބެރު ގްރޫޕާއި ރާޅުގަނޑު ބޮޑުބެރު ގްރޫޕުގެ ފޯރިގަދަ ހުށަހެޅުންތަކެއް ފެނިގެން ގޮސްފައިވެއެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީއާއި އޮފިޝަލް އިވެންޓްސް ގުޅިގެން ބޭއްވި މި ޝޯވް ބެލުމަށް ދިޔަ އާންމުން ބުނީ މި ޝޯވް އިންތިޒާމުކޮށްފައިވާ ގޮތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާ، ޢީދު ފާހަގަ ކުރުމަށް ކުރިއަށް ހުރި އަހަރު ތަކުގައިވެސް މިފަދަ ޙަރަކާތްތަކެއް ހުޅުމާލޭގައި ކުރިއަށްދާނެކަމަށް އުންމީދުކުރާކަމަށެވެ. މި ޝޯގައި ބައިވެރިވި ޒުވާނުންވަނީ ހުޅުމާލެ ޒުވާނުންނަށް ޚާއްޞަ ޔޫތް ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރަމުންދާދިއުމަށް ތާއީދުކޮށް ވާހަކަދައްކާފައެވެ.

ޒުވާނުންގެ ޝަހަރުގައި ޢީދުގެ ހަރަކާތްތައް ފަށާފައިވަނީ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމުންނެވެ. އެއަށްފަހު އުޟްހިޔާ ކަތިލުންވެސް ހުޅުމާލޭގައި ކުރިއަށްގެންދިޔައެވެ. މީގެ އިތުރުން ފެންކުޅީގެ ހަރަކާތްތަކާއި، ކުލަޖެހުމުގެ ހަރަކާތްތަކާއި ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ.