މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން މިދިޔަ މަހު 5،940 ކޮންޓެއިނަރު ކްލިއަރކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކްލިއަރކުރާ ކޮންޓެއިނަރުގެ އަދަދު އިތުރުވަމުންދާއިރު އެމްޕީއެލްއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް އަަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ.
އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު 5،940 ކޮންޓެއިނަރގެ މުދާ ވަނީ ކްލިއަރކޮށްފައެވެ. އޭގެތެރޭގައި 20 ފޫޓުގެ 2334 ކޮންޓެއިނަރާއި 40 ފޫޓުގެ 1798 ކޮންޓެއިނަރ ހިމެނެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އެމްޕީއެލް ބަނދަރަށް މިދިޔަަމަހު ވަނީ 17 ކޮންވެންޝަނަލް ބޯޓާއި 15 ކޮންޓެއިނަރ ބޯޓު ބަނދަރުކޮށްފައެވެ.
އެމްޕީއެލްއިން ވިދާޅުވީ މާލެ ވިޔަފާރި ބަނދަރަށް ކްލިއަރކުރި ކާބޯތަކެތީގެ ބާވަތްތަކަށް ބަލާއިރު އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ބިސް، ފިޔާ، ކަރާ، އަލުވި، ޓޮމާޓޯ، ކަބެޖް، އަލަނާސި، ދޮންކެޔޮ، ބަރަބޯ ހިމެނޭކަމަށެވެ.
މި ބާވަތްތަކުގެ ތަފާސްހިސާބަށް ބަލާއިރު 53 ޓަނުގެ ބިސް، 35 ޓަނުގެ ފިޔާ، 30 ޓަނުގެ ކަރާ، 20 ޓަނުގެ އަލުވި އަދި 14 ޓަނުގެ ޓޮމާޓޯ ހިމެނެއެވެ. މީގެ އިތުރުން 11 ޓަނުގެ ކެބެޖް، 9 ޓަނުގެ އަލަނާސި، 9 ޓަނުގެ ދޮންކެޔޮ، 3 ޓަނުގެ ބަރަބޯ އަދި 4 ޓަނުގެ އެހެނިހެން ކާބޯތަކެތި ހިމެނޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އެމްޕީއެލްއިން ދޭ ޚިދުމަތްތައް އަވަސްކުރުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން ކުޑަވެފައިކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި އެކުންފުނީގެ ޑިޖިޓަލައިޒޭޝަން މަސައްކަތުގެ ދަށުން ފަސޭހަކަމާއިއެކު މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.