ޚަބަރު

ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް އަނެއްކާވެސް ހޯދަނީ


ހދ. ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން އަނެއްކާވެސް ޢިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނެފައިވަނީ، ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް، އޭޑީބީގެ ލޯނުގެ އެހީގެ ދަށުން ކަމަށާއި، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 180 ހާސް ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރަކަށް ދިވެހި ރުފިޔާ ހުށަހަޅަންޖެހެއެވެ. މިޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވުކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް މީގެކުރިންވެސް ސަރުކާރުން ވަނީ ޢިއުލާންކޮށްފައެވެ. ކުޅުދުއްފުށީގައި މިހާރު ބޭނުންކުރަމުން ދަނީ 800 ފޫޓު ދިގު 200 ފޫޓު ފުޅާ ބަނދަރެކެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުލްލަތީފް ވިދާޅުވީ، ކުޅުދުއްފުށީގައި އަލަށް ހިއްކި ސަރަޙައްދުގައި މިހާރު އޮތް ބަނދަރާ އިންވެގެން ތަރައްޤީކުރާ އައު ބަނދަރު ނިމުމާއެކު މިހާރު ބޭނުންކުރާ ބަނދަރު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މަސްވެރިންނަށް ޚާއްސަކޮށް ކަމަށެވެ. އަލަށް ތަރައްޤީކުރާ ބައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޢާންމު ދަތުރުފަތުރަށް ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.