އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިީމް މުޙައްމަދު ޞާލިޙް ބޫޓުކޮޅާއެކު މިސްކިތެއްގެ މިންބަރަށް އަރާވަޑައިގަތުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް މިސްކިތެއްގެ މިންބަރަށް ބޫޓުކޮޅާއެކު އަރާވަޑައިގެން ހުންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މި ފޮޓޯ ޝެއަރކޮށް ގިނަބަޔަކު ދަނީ އިބްރާހީމް މުޙައްމަދު ޞާލިހަށް ފާޑުކިއުން އަމާޒުކުރަމުންނެވެ. އިބްރާހީމް މުޙައްމަދު ޞާލިޙްގެ މި ޢަމަލަކީ މިސްކިތުގެ ޙުރުމަތްކެނޑުމުގެ ޢަމަލެއް ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ޝުޢޫރުފާޅުކުރި ގިނަ ބަޔަކު ބުނެފައިވަނީ އެއީ މުސްލިމަކަށްވެހުރެ، ކުރުން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި، އެފަދަ ދަށުދަރަޖައިގެ ކަންކަން ކުރާނީ އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ނުހިތާ މީހަކު ކަމަށެވެ. އަދި ޚާއްޞަކޮށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓެއްގެ ކިބައިން އެފަދަ ކަމެއް ފެނިގެން ނުވާނެ ކަމަށާއި އެއީ އިސްލާމްދީނަށް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރި މަލާމާތެއްގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ.
ބައެއް ޕޯސްޓްތަކުގައި ބުނެފައިވަނީ އިދިކޮޅު މީހުން ލާދީނީ ބައެއްގެ ގޮތުގައި ސިފަ ކުރެވެނީ މިފަދަ ޢަމަލުތަކުގެ ސަބަބުންކަމަށެވެ. އަދި އިސްލާމްދީނުގެ އަދުއްވުން ކުރާ ޒާތުގެ ދަށުދަރަޖައިގެ ކަންކަން ކުރާ މީހުން އިދިކޮޅުގައި ތިބިކަމަށާއި، މިކަން ތަކުރާރުކުރާހާ ހިނދަކު ލާދީނީ ބައެއްގެ ގޮތުގައި ޤަބޫލުކުރުމުގެ ފުރުޞަތު އެބައޮތްކަމަށް ބައެއް މީހުން ފާހަގަކޮށްފައިވެއެވެ.
"މިސްކިތަކީ އިސްލާމް ދީނުގައި މަތިވެރިވެގެންވާ ތަނެއް. ކޮންމެ ފެންވަރެއްގެ މީހަކަށް ވިޔަސް އެފަދަ ހުރުމަތްތެރިވެގެންވާ ތަނަކަށް ބޫޓާއެކު ވަދެވިގެން ނުވާނެ. އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް." ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވެއެވެ.
އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފޮޓޯއާއެކު މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެފަދަ މީހަކު ރާއްޖޭގެ ވެރިކަމަށް އިންތިޚާބުކޮށްފިނަމަ ރާއްޖެއަށް ލިބިފައިވާ ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ދަރަޖައަށް ކިލަނބުކަން އަންނާނެ ކަމަށެވެ. އަދި ރާއްޖެއިން އެހެން ދީންތަކަށް ފުރުޞަތުދޭންވެސް އެފަދަ މީހަކު ފަސްނުޖެހޭނެ ކަމަށް އެމީހާ ވަނީ ބުނެފައެވެ.
"އެފަދަ މީހަކަށް ރާއްޖޭގެ ވެރިކަން ހަވާލުކޮށްފިނަމަ އިސްލާމް ދީނަށް ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ޔަޤީން. އޭރުން ރާއްޖެއިން އެހެންދީންތަކަށްވެސް ފުރުސަތު ދޭނެ. ހެޔޮ ނުވާނެ ރާއްޖޭގެ ވެރިކަން އޭނައަށް ދޭކަށް." ކަންބޮޑުވުން ފާޅުކުރި މީހަކު ވަނީ ބުނެފައިވެއެވެ.
އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓް މިސްކިތެއްގެ މިންބަރަށް ބޫޓްކޮޅުގައި އަރާވަޑައިގަތުމުން ފާޑުކިއުން އަމާޒުވެފައިވާއިރު، އޭނާގެ ކެމްޕެއިން ޓީމްގެ ފަރާތުން މިކަމުގައި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. އިދިކޮޅު އެމްޑީޕީންގެ ދީނީ ސިޔާސަތު މިހާތަނަށް ޢާންމުކޮށްފައި ނުވާތީއާއި، އެމްޑީޕީގެ އިސްވެރިންގެ ޢަމަލުތައް ހުންނަ ގޮތުން އެޕާޓީގެ ވެރިކަމެއްގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ރާއްޖޭގައި ފުރުޞަތު ދިނުމުގެ ވިސްނުން އެމްޑީޕީން ގެންގުޅޭކަމަށްބުނެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.