ޚަބަރު

ސަޢުދީއާއި ރާއްޖޭގެ ގުޅުމުން ދައްކުވައިދެނީ ޚާރިޖީ ސިޔާސަތުގެ ވަރުގަދަކަން - އިސްލާމިކް މިނިސްޓަރ


ޙައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމަށްޓަކައި ރާއްޖެއަށް އިތުރު ކޯޓާ ލިބުމަކީ މިސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން ރަމްޒުކޮށްދޭ ކަމެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ފަސްއަހަރުގެ ތެރޭގައި ރާއްޖެއާއި ސަޢުދީއާއި ދެމެދު އޮތްގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާކަމަށެވެ. މިކަން ރަމްޒުކޮށްދެނީ ޙައްޖު ކޯޓާދޭ މިންވަރު ސަޢޫދީން ލިމިޓްކޮށްފައި އޮތް ނަމަވެސް، ރާއްޖެއަށްދޭ ޙައްޖު ކޯޓާ ކޮންމެ އަހަރަކުވެސް އިތުރުކޮށްދޭތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިހަރުވެސް ޢާއްމު ޢުސޫލުގެދަށުން ރާއްޖެއަށް 1000 ޙައްޖު ކޯޓާ ދިންނަމަވެސް ސަޢޫދީސަރުކާރުންވަނީ ރާއްޖެއަށް އިތުރު 1000ކޯޓާ ދީފައެވެ.

މިކަމުން ހާމަވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްއާއި، ސަޢޫދީ ރަސްގެފާނާއިދެމެދު ބަދަހިވެފައިވާ ގުޅުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތްތާންގައި މިއަށްވުރެ ގިނަ ޙައްޖުކޯޓާ ހޯދައިދިނުމަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރައްވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޙައްޖުގެ ކަންކަން ހަރުދަނާ އުސޫލެއްގެދަށުން ކުރިއަށްގެންދިއުމަށް، ދިވެހި ސަރުކާރުން ދާދިފަހުން ސަޢުދީއަށް ރަސްމީ ދަތުރެއްކޮށް، އެކަމުގައި ހަރަކާތްތެރިވާ އިސްފަރާތްތަކާއި ބައްދަލުކުރިކަމަށެވެ.

"ޙައްޖުގެ ކަންކަންބަލާ ސަޢުދީ ފަރާތްތަކުން ފާހަގަކޮށްފައިވޭ، ދިވެހިންނަކީ ސަޢުދީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކަށް ވަރަށް ބޮޑަށް ހުރުމަތްތެރިކޮށް ހިތާބައެއްގެ ގޮތުގައި. ރާއްޖޭގެ ސަރުކާރުން ކުރާ މަސައްކަތްތައް ސަޢުދީ ސަރުކާރުން ވަރަށް ބޮޑަށް ބަލައިގަނޭ. އަދި ޙައްޖައްދާ ދިވެހިންގެ ކަންކަން ވަރަށް ގާތުންބަލަމުންދަނީ ސަޢުދީ ސަރުކާރުން"

އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއިން މިއަހަރު ޙައްޖަށްދިޔަ ޙައްޖާޖީންގެ ޙާލު އިސްލާމިކް މިނިސްޓްރީން ގާތުން ބަލަމުންދާކަމަށެވެ. އެގޮތުން އެއްވެސް ޙައްޖާޖީއަކަށް ސީރިއަސް މައްސަލައެއް ދިމާނުވާކަމަށާއި، ނަމަވެސް މޫސުމާއި، މާޙައުލު ބަދަލުވުމުގެ ސަބަބުން ބައެއް މީހުންނަށް ކުދިކުދި ސިއްޙީ މައްސަލަތައް ދިމާވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މައްކާގައި، ވައިބާރުވެގެން ހިނގި ޙާދިސާގައިވެސް އެއްވެސް ދިވެއްސަކަށް ހާނީއްކައެއް ވެފައިނުވާކަމަށެވެ.