ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގދ. ތިނަދޫއިންނާއި ފުވަމުލަކު ސިޓީއިން ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ފުރިހަމަ ތާޢީދު ލިބޭނެކަން އެ ދެ ރަށުގެ ރައްޔިތުން ސާބިތުކޮށްދީފައިވާކަމަށް ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ތާޢީދު ހޯއްދެވުމަށްޓަކާ އެމަނިކުފާނު ފައްޓަވާފައިވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ގދ. ތިނަދޫއަށާއި ފުވަމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލުމަށްފަހު އެނބުރި މާލެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުންނެވެ.
ރައީސް ޔާމީންގެ ރަނިންގ މޭޓު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެމަނިކުފާނު ތިނަދޫއަށާއި ފުވައްމުލަކަށް ކުރި ދަތުރުގައި އެ 2 ރަށުގެ އިސްރަށްވެހިންނާއި، މުޢައްސަސާތަކުގެ ވެރިންގެ އިތުރުން ޒުވާނުންނާއި ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ޝުޢޫރުތައް ވަރަށް ގާތުން އަޑުއެއްސެވިކަމަށެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ތިނަދޫއާއި ފުވައްމުލަކުގެ ތަރައްޤީއަށް ރައީސް ޔާމީން ކޮށްދެއްވާފައިވާ އަގުބޮޑެތި މަސައްކަތްތައް އެ 2 ރަށުގެ ރައްޔިތުން އުފަލާއެކު ބަލައިގެންފައިވާ މިންވަރު ވަރަށް ބޮޑަށް އިޙްސާސްކުރެވުނުކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ ތަރައްޤީއަށް މި ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަށް ތަރުޙީބު އޮތް މިންވަރު ހާމަވެފައިވާކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
"ފުވައްމުލަކު ނަރުދަމާ ނިޒާމުގެ މަޝްރޫޢަކީ ރާއްޖޭގައި ހިންގޭ އެފަދަ އެންމެ ބޮޑު މަޝްރޫޢު. ފުވައްމުލަކު ރައްޔިތުން އެފަދަ މަޝްރޫޢުތަކުގެ އަގުވަޒަންކުރޭ ވަރަށް ބޮޑަށް.. ހަމައެހެންމެ ތިނަދޫއަށް ބަލާލިޔަސް، ފްލެޓްތަކާއި، އިސްލާމީ މަރުކަޒާއި، ބަނދަރާއި، ހިއްކާފައި އޮތް 55 ހެކްޓަރުގެ ބިމާއި. ހަޤީޤަތުގައި ރައްޔިތުން އަގުވަޒަންކުރޭ ވަރަށް ބޮޑަށް މިފަދަ ކަންކަމުގެ. ރައްޔިތުންނާއި މެދުގައި ވަރަށް އުއްމީދު އެބައޮތް.. އެހެންވެ އަޅުގަނޑު ހަމަ ތަކުރާރުކޮށް މިދަންނަވަނީ ރައްޔިތުން ރައީސް ޔާމީނަށް ވިދާޅުވާނީ އާނއެކޭ.." ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ، ރައީސް ޔާމީނަށް ކެންޑިޑޭޓު ނަންބަރު އެކެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމަނިކުފާނު ވަރަށް ތަނަވަސް އަޤްލަބިއްޔަތަކުން ކާމިޔާބު ކުރައްވާނެކަމާމެދު އެއްވެސް ޝައްކެތް ނެތްކަމަށެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުން ތިނަދޫއާއި ފުވަމުލައް ސިޓީން ރައީސް ޔާމީނަށާއި، މިއަދުގެ ސަރުކާރަށް އޮތް ތާޢީދު ވަރަށް ފުރިހަމައަށްވެސް ސާބިތުކޮށްދީފައިވާކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.
"މި 2 ރަށަށްކުރި ދަތުރުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ރައީސް ޔާމީނަށް އޮތް ތާޢީދު ވަރަށް ބޮޑުކަން.. އަޅުގަނޑުމެންނަށް ޔަޤީންކުރެވޭ މާތްﷲ އިރާދަކުރެއްވިޔާ ވަރަށް ތަނަވަސް އަޤުލަބިއްޔަތަކުން 23 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބުކުރައްވާނެކަމަށް.. މިފުރުޞަތުގައި ރައީސަށް ވަރަށް ހޫނު މަރުހަބާއެއްވެސް ދަންނަވަން ބޭނުން، އެމަނިކުފާނަކީ ކެންޑިޑޭޓު ނަންބަރު އެކެއް.. އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް.. އޭގެން ޔަޤީން ކުރަން ބޭނުންވަނީ އެމަނިކުފާނު އެއީ އެއްވަނަ ކެންޑިޑޭޓުކަމަށް.." ޑރ. ޝަހީމް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާޢީދު ހޯއްދެވުމަށްޓަކާ އެމަނިކުފާނުގެ ރަނިންގ މޭޓު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފަށްޓަވާފައިވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން، ޑރ. ޝަހީމް އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ އެމަނިކުފާނުގެ އުފަން އަތޮޅުކަމަށްވާ ގއ. އަތޮޅުގެ ރަށްތަކަށެވެ. އެއަށްފަހު މެލޭޝިއާއަށްވެސް ވަޑައިގެން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާއި ޑރ. ޝަހީމް ވަނީ ބައްދަލުކުރައްވާފައެވެ.