ޚަބަރު

ރައީސްގެ އަނބިކަނބަލުންގެ މަންމާފުޅާއި ބައްޕާފުޅުގެ ހަނދާނުގައި ބިނާކުރި މިސްކިތް ރައީސް ހުޅުއްވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މަންމާފުޅާއި ބައްޕާފުޅުގެ ހަނދާނުގައި ހުޅުމާލޭގައި ޢިމާރާތްކުރި މިސްކިތް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުއްވައިދެއްވައިފިއެވެ.

މަސްޖިދުލް ވާލިދައިންގެ ނަމުގައި ހުޅުމާލޭގައި ޢިމާރާތްކުރި 700 މީހުންގެ ޖާގައިގެ މިސްކިތަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ މަންމާފުޅު އާއިޝަތު މޫސާއާއި، ބައްޕާފުޅު އިބްރާހީމް މުޙައްމަދު ދީދީގެ ހަނދާނުގައި ބިނާކުރި މިސްކިތެކެވެ.

މަސްޖިދުލް ވާލިދައިން ހުޅުވުމަށްފަހު މިއަދު އެމިސްކިތުގައި ކުރި އަޞްރު ނަމާދުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި، އަނބިކަނބަލުން ފާތިމަތު އިބްރާހިމް ބައިވެރިވެވަޑައިގަތެވެ.

ހުޅުމާލެ ރެހެންދި ސްކޫލް ކައިރީގައި ބިނާކޮށްފައިވާ ދެ ފަންގިފިލާގެ މިސްކިތުގައި އަންހެން ބޭފުޅުންނަށްވެސް ނަމާދުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މިސްކިތް ހުޅުވުމަށް ކުރެވުނު އަޞްރު ނަމާދުގައި ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ އަންމުން ބައިވެރިވިއެވެ. މީގެ އިތުރުން މިއަދު އިރުއޮއްސުނު ވަގުތު ވަނީ މިމިސްކިތުގައި ރޯދަ ވީއްލުމެއްވެސް ބާއްވާފައެވެ. މިރޯދަ ވީއްލުމުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

މަސްޖިދުލް ވާލިދައިންއާއެކު ހުޅުމާލޭގައި ހުރި މިސްކިތްތަކުގެ އަދަދު 8 އަށް އިތުރުވާނެއެވެ.