ޚަބަރު

ރަސޫލާ އިރުޝާދުދެއްވި ކަންތައްތައް ދޫކޮށްނުލުމަށް ޙުތުބާގައި ގޮވާލައްވައިފި


ޙައްޖަތުލްވަދާޢުގެ ޙުތުބާގައި ކީރިތި ރަސޫލާ އުންމަތަށް އިރުޝާދުދެއްވާފައިވާ ކަންތައްތައް ދޫކޮށްނުލައި އެކަންތައްތަކުގެ މަތީގައި ސާބިތުވެތިބުމަށް މިއަހަރުގެ ޙައްޖު ޚުޠުބާގައި އިސްލާމީ އުންމަތަށް ގޮވާލައްވައިފިއެވެ.

މިއަހަރުގެ ޙައްޖު ޚުޠުބާ ދެއްވީ މަސްޖިދުއްނަބަވީގެ އިމާމް އައްޝައިޚް ޙުސައިން ބިން ޢަބްދުލްއަޒީޒެވެ. ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ކީރިތި ރަސޫލާ އުންމަތަށްދެއްވި އިރުޝާދުގެ މައްޗަށް އަލިއަޅުވާލައްވައި ޝައިޚް ވިދާޅުވީ އިސްލާމީ އުންމަތުގެ މެދުގައި އުފެދިފައިވާ ބައިބައިވުންތައް ނައްތާލައި މުޅި އިސްލާމީ އުންމަތް ގުޅިގެން މިދީން މަތިވެރިކުރެއްވުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.

ތަޤުވާވެރިކަމުގެ މައްޗަށް އަލިއަޅުއްވަމުން އެކަމަށް ކީރިތި ޤުރުއާނުގައި ބާރުއަޅުއްވާފައިވާ މިންވަރު ބަޔާންކޮދެއްވިއެވެ. އަދި އިސްލާމްދީނުގެ ރުކުންތައް އަދާނުކުރުމުގެ ސަބަބުން އިސްލާމީ އުއްމަތް ބައިބައިވެދާނެކަމުގެ ބިރުވެރިކަން އޮތް މިންވަރާ ބެހޭގޮތުންވެސް ޚުޠުބާގައި ވަނީ ގޮވާލައްވައިފިއެވެ. ތަޤުވާވެރިވުމާއި އިސްލާމީ އުސޫލުތަކުގެމަތީގައި ސާބިތުވެތިބުމަށްޓަކައި، އިސްލާމްދީނުގެ މައި ތަނބުކަމުގައިވާ ނަމާދު ދޫކޮށްނުލުމަށާއި އިސްލާމީ ޝާރީޢާގައި ނެރެންޖެހޭ ޒަކާތުގެ މުހިއްމުކަމުގެ މައްޗަށް ޚުޠުބާގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި މިއަދުގެ މުޖްތަމަޢުން ފެންނަ ބައެއް މަންޒަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޚުޠުބާގައި ވަނީ ﷲ ދެއްވާ ނިޢުމަތްތަކުން މަޙުރޫމްވެ މުސީބާތެއް ޖެހޭ ހިނދު އެކަލާނގެއަށް ރުޖޫޢަވުމަށްފަހު އެމުސީބާތެއް ފިލާދިޔުމުން އެނބުރި ޝިރުކާއި މުންކަރާތްތަކަށް ބައެއް މީހުން ރުޖޫޢަވާކަން ފާހަގަކޮށް އެކަމުގެ ނުބައިކަމާއި އޭގެ ނުބައި ނަތީޖާގެމައްޗަށް ބައްލަވާލައްވާފައެވެ.

މީގެ އިތުރުން މީސްތަކުންނާއި މުޢާމަލާތްކުރުމާއި މާލީކަންކަމާއި އިޤްތިޞާދީ ނިޒާމާއި ސިޔާސީ ނިޒާމާއި ޢަދުލު އިންސާފު ޤާއިމްކުރުމުގައި ކީރިތިރަސޫލާދެއްވާފއިވާ އިރުޝާދުތަކާއި، އިސްލާމީ އުސޫލުތަކުގައި ފުރިހަމަށް ހިފައި އިސްލާމީ އަޚްލާޤީ މިންގަނޑު ހިފެހެއްޓުމަށް ޙައްޖު ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުންވެސް މައިންބަފައިންނަށް އަޅާލުމަށާއި އަންހެނުންނަށް ކަމޭ ހިތުމަށާއި ޔަތީމުންގެ މުދަލަށް ޙުރުމަތްތެރިކޮށް ހިތުމަށާއި އަމާނާތަކަށް ރައްކާތެރިވުމަށްވެސް އިސްލާމީ އުއްމަތަށް ޙައްޖު ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.