ޚަބަރު

އަންހެން ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލްކަން ބޮޑު


އަންހެން ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ރާއްޖެއަށް 848،847 (އަށްސަތޭކަ ސާޅީސް އަށްހާސް އަށްސަތޭކަ ސާޅީސް ހަތެއް) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޭގެތެރެއިން ހަތަރުސަތޭކަ ސާޅީސް އެއްހާހަށްވުރެ ގިނަ ފަތުރުވެރިންނަކީ އަންހެނުންނެވެ. މިއީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 52 އިންސައްތައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ވެސް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތަށްބަލާއިރު ގިނައީ އަންހެނުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަތްމަސް ދުވަހު އެވްރެޖުގޮތެއްގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވަނީ 6.3 ދުވަހެވެ. އަދި މިމުއްދަތުގައި އޮކިއުޕަންސީ ރޭޓް އުޅުނީ 62 އިންސައްތައިގައެވެ. މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ރާއްޖޭގައި ޖުމްލަ 42،929 އެނދު ހުރިއިރު ފަތުރުވެރިން އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އަދި ގެސްޓްހައުސްތަކާއި، ސަފާރީ އަދި ހޮޓެލްތަކުގައިވެސް ފަތުރުވެރިން ވަނީ ޗުއްޓީހޭދަކޮށްފައެވެ.

މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޗައިނާއާއި، އިނގިރޭސިވިލާތާއި، ޖަރުމަނުވިލާތާއި، އިޓަލީ ވިލާތާއި އިންޑިއާއިންނެވެ.