ޚަބަރު

ދިވެހި ޙައްޖާޖީން ޢަރަފާތަށް ދިޔުމަށް މިނާއަށް ޖަމާވަނީ


ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހިން ޢަރަފާތަށް ދިއުމަށް މިނާއަށް ޖަމާވަމުން އެބަދެއެވެ.

ދިވެހިން ޙައްޖަށް ގެންދިޔަ ޖަމާޢަތްތަކުން މަޢުލޫމާތުދޭ ގޮތުގައި މިހާތަނަށް އަލްޙަރަމައިން ގުރޫޕާއި، ތަޒްކިޔާ ޖަމާޢަތާއި، ޒަޢީ ޖަމާޢަތާއި، ސިސިލްފަރު ޖަމާޢަތާއި، ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި ދިޔަ ޙައްޖާޖީން މިހާރު ތިބީ މިނާގައިއެވެ. ޕީއެސްއެމަށް މަޢުލޫމާތުލިބިފައިވާ ގޮތުގައި ރާއްޖެއަށް ފަހުން ލިބުނު ޙައްޖު ކޯޓާގައި ސަޢުދީ އަރަބިއްޔާއަށް ދިޔަ ދިވެހިންވެސް ޢުމުރާގެ އަޅުކަމަށްފަހު ޢަރަފާތަށް ދިޔުމަށްޓަކައި މިހާރުވަނީ މިނާއަށް ފުރާފައެވެ. ދިވެހި ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ޢާއްމުގޮތެއްގައި ރަނގަޅުކަމަށް ޚަބަރު ލިބެއެވެ. ޙައްޖާޖީން މިނާއިން ޢަރަފާތަށް ދިއުމަށް މިރޭގެ ވަގުތެއްގައި ފުރާނެއެވެ.

ސައޫދީ ޢަރަބިއްޔާގެ މިނާއާއި، ޢަރަފާތުގެ މޫސުން ހުރިގޮތަށް ބަލާއިރު މިނާގެ ފިނި ހޫނު މިން ހުރީ 43 ޑިގްރީ ސެލްސިއަސް ގައެވެ. އަދި ޢަރަފާތުގެ ފިނި ހޫނު މިން ހުރީ 41 ޑިގްރީ ސެލްސިއަސްގައެވެ. އަދި މާދަމާ ޢަރަފާތުގެ ފިނިހޫން މިން ހުންނާނެކަމަށް އެޤައުމުގެ މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވަނީ 45 ޑިގްރީ ސެލްސިއަސްއެވެ.

ޙައްޖު ކޯޕަރޭޝަނާއި އެކި ޖަމާޢަތްތަކުގެ ޙަވާލުގައި މިއަހަރު ޖުމުލަ 1379 ދިވެހިން ޙައްޖަށް ދިޔައެވެ. އެއީ ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި 955 މީހުންނާއި، ޒައީ ގުރޫޕުގެ ޙަވާލުގައި ދިޔަ 100 މީހުންނާއި، އަލްޙަރަމައިން ގުރޫޕުގެ ޙަވާލުގައި ދިޔަ 111 މީހުންނާއި، ސިސިލްފަރު ގުރޫޕުގެ ޙަވާލުގައި ދިޔަ 100 މީހުންނާއި ތަޒްކިޔާ އިން 113 ޙައްޖުވެރިންނެވެ. މިއަހަރު ރާއްޖެއަށް ޖުމުލަ 2000 ޙައްޖު ކޯޓާ ލިބުނެވެ.