ޚަބަރު

ބިން ހިއްކި ރަށްތަކުން ގޯތި ދޫކުރަން ކައުންސިލްތަކަށް ދަނީ އަންގަމުން - މިނިސްޓަރ މުޢިއްޒު


ސަރުކާރުން މިހާތަނަށް ބިން ހިއްކާފައިވާ ރަށްތަކުން ގޯތި ދޫކުރުމަށް ކައުންސިލްތަކަށް އަންގަމުންދާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ބިން ހިއްކާފައިވާ ރަށްތަކުން ގޯތި ދޫނުކުރާ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ދަތިތައް ކުރިމަތިވާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ރައްދު ދެއްވަމުން ހައުސިން މިނިސްޓަރ މުޢިއްޒު ވިދާޅުވީ ބިން ހިއްކުމަށްފަހު ވަގުތުން އެއްވެސް ރަށެއްގައި މިހާތަނަށް ސަރުކާރުން ގޯތި ދޫކޮށްފައި ނުވާނެ ކަމަށެވެ. ބިން ހިއްކާފައިވާ ރަށްތަކުން ގޯތި ދޫކުރެވޭނީ ހިއްކި ބިން ބޭނުން ކުރާނެ ޕްލޭނެއް ހެދުމަށްފަހު ކަމަށާއި ސަރުކާރުން މިހާރު އެ ޕްލޭން ހަދާ ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ބިން ހިއްކާފައިވާ ރަށްތަކުން ބިން ދޫކުރުމަށް މިހާރުވެސް ބައެއް ކައުންސިލްތަކަށް އަންގާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ ބައެއް ކައުންސިލްތައް އިދިކޮޅު ފިކުރުގައި ހުރި ކައުންސިލްތައް އަޅުގަނޑުމެން މިގޮތަށް ގޯތި ދޫކުރަން ފުރުޞަތު ދިނުމުންވެސް އެކަން ނުކޮށް އެބަ ބަހައްޓާ. ރައްޔިތުންގެ ފަރާތުންވެސް އަޅުގަނޑުމެންނަށް އެބަ ޝަކުވާ އާދޭ. ކައުންސިލްތަކުން ސީދާ އެކަން ނުކުރާ ކަމަށްވާނަމަ މިނިސްޓްރީން ސީދާ ގޯތި ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނަން. އެހެންވީމަ މިހާރު ފުރުޞަތު ދީފައިވާނީ ކައުންސިލްތަކަށް، ކައުންސިލްތަކުން ކުރަންޖެހޭ ކަމެއްވީމަ އެ ކައުންސިލްތަކުން ގޯތި ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް. ވަރަށް ގިނަ ރަށްތަކަށް ފުރުޞަތު ދީފައި މިހާރު ވާނީ،" ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މުޢިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ރައްޔިތުންނަށް ދެއްވާ ކަމަށެވެ. ބިން ހިއްކާފައިވާ ރަށްތަކުން ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކައުންސިލްތަކަށް އަންގާފައިވާއިރު ސަރުކާރުން އެ ރަށްތަކުގައި ފްލެޓް އެޅުމަށްޓަކައިވެސް ބިން ރިޒާރވްކޮށްފައިވާނެ ކަމަށްވެސް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން އެ ރަށްތަކުގައި ހަތަރު ބުރީގެ މަލްޓި ސްޓޯރީ ފްލެޓު އެޅުމަށް ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނައިރު ސަރުކާރުން ވަނީ 15 ރަށެއްގެ ބިން ހިއްކާފައެވެ.