ޚަބަރު

ސައުތު އެފްރިކާއިން ގަމަށް އަންނަ ފަތުރުވެރިންނަށް ޚާއްޞަ ޕެކޭޖެއް


އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި ސައުތު އެފްރިކާއާއި ދެމެދު މިއަހަރުގެ ނޮވެމްބަރ މަހުގައި ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާތީ އެ ދުވަސްވަރާއި ދިމާކޮށް އައްޑޫ ސިޓީގެ ރިސޯޓުތަކުން ޚާއްޞަ ޕެކޭޖްތަކެއް ތަޢާރަފުކޮށްފިއެވެ.

އައްޑޫ ސިޓީގައި މުޅި ޖުމްލަ 800 އެއްހާ ބެޑް ކެޕޭސިޓީއާއެކު ފަތުރުވެރިންނަށް ޚިދުމަތްދެމުންދާއިރު، ކޮންމެ ރިސޯޓަކުން ވެސް ވަނީ ސައުތު އެފްރިކާގެ ޓޫރިސްޓުންނަށް ޚާއްޞަ ޕެކޭޖުތަކެއް ހަދާފައެވެ. އެގޮތުން ޝަންގްރިއްލާ ވިލިނގިލި ރިސޯޓާއި ކެނެރީފާއި އަދި ގަމުގައި ހިންގާ އީކުއޭޓަރ ވިލެޖް ހިމެނެއެވެ. ސައުތު އެފްރިކާގެ ޓްރެވަލް އެޖެންޓެއް ކަމަށްވާ ސްޓާ ލައިޓް ހޮލިޑޭސް އިން ވިއްކާ ޚާއްޞަ ޕެކޭޖުގައި ހަތް ރޭގެ ހުރުމާއި ބެޑް އެންޑް ބްރެކްފާސްޓް އަދި ފަނަރަ މިނެޓުގެ ސްޕީޑް ބޯޓު ޓްރާންސްފަރގެ އިތުރުން ޓެކްސް ހިމަނާފައިވެއެވެ. އޭގެ އިތުރުން އެޑް އޮންގެ ގޮތުގައި ހާފް ބޯޑު، ފުލް ބޯޑު، އޯލް އިންކްލޫސިވް އަދި ބިޒްނަސް ކްލާސް ޕެކޭޖުތައްވެސް އިތުރުކުރެއެވެ.

ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި ސައުތު އެފްރިކާއާ ދެމެދު ސީދާ ދަތުރުތައް މިއަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިދަތުރު ތަކުގައި ބޭނުންކުރާނީ އެއަރބަސް އޭ ތްރީ ފޯޓީ މަރުކާގެ ބޯޓުތަކެކެވެ. ސައުތް އެފްރިކާއާއި ގަމާއި ދެމެދު ކޮންމެ ހަފުތާއަކުވެސް ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ. މިދަތުރުތައް ފެށުމާއެކު ސައުތު އެފްރިކާ ޞަރަޙައްދުން ކޮންމެ ހަފުތާއަކު 300 ފަތުރުވެރިން އައްޑޫ ސިޓީއަށް ޒިޔާރަތްކުރާނެކަމަށް އަންދާޒާ ކުރެއެވެ. މިދަތުރުތައް ފެށުމާއެކު އައްޑޫ ސިޓީގެ ރިސޯޓްތަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޢަދަދު އިތުރުވެ، އައްޑޫ ސިޓީގެ ގެސްޓް ހައުސް ވިޔަފާރިކުރަމުންދާ ފަރާތްތަކައްވެސް އެމީހުންގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ފުރުސަތު ފަހިވެގެންދާނެއެވެ.

އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާވަމުންދާއިރު އައްޑޫ ސިޓީގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް މިދާއިރާގެ ގިނަ މަޝްރޫޢުތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން މިހާރުވެސް އައްޑޫ ސިޓީގައި އިތުރު ރިސޯޓެއް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.