ޚަބަރު

ޢީދު ފެން މަޖާ - މިފަހަރު ތަފާތު ކުޅިވަރުތަކާއެކު މާފަންނު ސްޓޭޑިއަމްގައި


ޢީދު ދުވަހު ޒުވާނުންނަށް ޚާއްޞަކޮށްގެން ފެންކުޅިއާއި ޕެއިންޓް ބޯލްގެ ހަރަކާތްތައް ބޭއްވުމަށް ޒުވާނުންގެ ގްރޫޕަކުން ނިންމައިފިއެވެ.

ޢީދު ފެން މަޖާގެ ނަމުގައި ބާއްވާ މި ހަރަކާތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ޒުވާނުންނަށް ޚާއްޞަކޮށްގެން ކުޅިވަރު މުބާރާތްތައް ބާއްވަމުން އަންނަ ޒުވާނުންގެ ޖަމިއްޔާއެއްކަމަށްވާ ރިވާރބް ގުރޫޕްގެ މެމްބަރު، މައިޝާން ޝިހާމް ބުނީ މި އިވެންޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޢީދު ފާހަގަކުރުމަށް ފެންޖެހުމާއި ކުޅިވަރުގެ ހަރަކާތްތައް ހިމެނޭ ގޮތަށް ކަމަށެވެ. އާއްމުކޮށް ހުރިހާ ޒުވާނުންނަށް އާމާޒުކޮށްގެން ބާއްވާ މި އިވެންޓުގައި ފެން ކުޅިއާއި މިއުޒިކާއި ލައިވް ޑީޖޭގެ ހަރަކާތްތަކެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. ހަރަކާތްތައް އޮންނާނީ ޢީދުދުވަހުގެ ހެނދުނު 10 އިން ފެށިގެން ހަވީރު 3 އަށް މާފަންނު ސްޓޭޑިއަމް ސަރަޙައްދުގައެވެ.

ރިވާރބުން ބުނީ މިފަހަރު ޢީދުގެ ހަރަކާތްތައް މިގޮތަށް ރޭވީ މަގުމަތި އަމާންކަންމަތީ ބާއްވާ، އާންމުންނަށް އުނދަގޫ ނުވާނެ ގޮތަކަށް ފެންޖެހުމާއި ކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށެވެ. ޢީދު ފެން މަޖާ ހަރަކާތުގެ ތެރެއިން ޕެއިންޓް ބޯއާއި ތަފާތު މުބާރާތްތައް ކުރިއަށްދާނެއެވެ. މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 16 އަހަރުން މަތީގެ ހުރިހާ ޒުވާނުންނަށް ހިލޭ ހުޅުވާލާފައިވާކަމަށް ރިވާރބް ގްރޫޕުން ބުނެއެވެ. އަދި ބައިވެރިވާން ބޭނުން ޒުވާނުންނަށް ރިވާރބްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ރަޖިސްޓަރ ކޮށްގެންވެސް ބައިވެރިވެވޭނެއެވެ.

ރިވާރބުން ކުރިއަށްގެންދާ މުބާރާތުން އެއްވަނައަށްދާ ގްރޫޕަކަށް 10 ހާސް ރުފިޔާ، ދެވަނައަށްދާ ގްރޫޕަކަށް 5 ހާސް ރުފިޔާ އަދި ތިންވަނައަށްދާ ގްރޫޕަކަށް 2 ހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ އަޟްހާ ޢީދާ ދިމާކޮށް މިއަހަރުވެސް މާލެއާއި އަތޮޅުތެރޭގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ރާވާފައިވެއެވެ.