ޚަބަރު

ޖޯއާލި މޯލްޑިވްސް ރިސޯޓް އޮކްޓޯބަރުމަހު ހުޅުވަނީ


ރ އަތޮޅު މުރަވަންދޫގައި ތަރައްޤީކޮށްފައިވާ ޖޯއާލި މޯލްޑިވްސް ރިސޯޓު އަންނަ އޮކްޓޯބަރުމަހުގެ ހުޅުވާނެކަމަށް އެރިސޯޓުން ބުނެފިއެވެ.

ޖޯއާލި މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ ސްޓީވް ޕިލިޕްސް ބުނީ އޮކްޓޯބަރުމަހުގެ ތެރޭގައި ރިސޯޓް ރަސްމީކޮށް ހުޅުވާނީ ދިވެހި ސަޤާފަތާއި ރާއްޖޭގެ ޤުދުރަތީ ރީތިކަން ފެންނާނެފަދަ ގޮތަކަށްކަމަށެވެ. އަދި އޮކްޓޯބަރުމަހުގެ ތެރޭގައި އެރިސޯޓަށް އަންނަ ފަތުރުވެރިންގެ ފުރަތަމަ ޤުރޫޕް އަންނާނެކަމަށްވެސް އޭނާ ބުންޏެވެ.

ޖޯއާލި މޯލްޑިވްސް ރިސޯޓު ހުޅުވާއިރު ރިސޯޓުގައި ބީޗް ވިލާ އަދި ވޯޓާ ވިލާ ހިމެނޭގޮތަށް 73 ވިލާ ހުންނާނެއެވެ. އޭގެތެރޭގައި 1 ކޮޓަރިން ފެށިގެން 4 ކޮޓަރީގެ ވިލާތައް ހިމެނެއެވެ. އަދި ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލަކާއި ބަޓްލަރއެއްގެ ޙިދުމަތާއި ލައިބްރަރީއެއްވެސް ހުންނާނެކަމަށް ރިސޯޓުން ބުނެއެވެ. މީގެ އިތުރުން ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް 4 ރެސްްޓޯރަންޓް ހުންނާނެކަމަށް އެރިސޯޓުން ބުނެއެވެ.

މި ރިސޯޓަކީ ކުރެހުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޙާއްސަ ރިސޯޓެކެވެ. މި ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކުރެހުމުގެ ތަޖުރިބާތައް އެކަމުގެ މާހިރުންގެ ކިބައިން ލިބިގެންދާނެއެވެ. ރިސޯޓްގައި ހުންނަ އާޓް ސްޓޫޑިއޯއިން ކުރެހުމަށް ޝައުޤު ހުންނަ ފަރާތްތަކަށް އެމީހުންގެ ހުނަރު ދައްކާލާ ރިސޯޓުން ހިންގާ ވޯރކްޝޮޕްތަކުގައިވެސް ބައިވެރިވެވޭނެކަމަށް ރިސޯޓުން ބުނެއެވެ.