ޚަބަރު

ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް އެއަރޓައިމް ދޭ އުސޫލަށް ޕީއެސްއެމުން އަމަލުކުރަން ފަށައިފި


ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޗެނަލްތަކުން އެއަރޓައިމް ދިނުމުގެ އުސޫލަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ.

މިއުސޫލުގެ ދަށުން ރިޔާސީ ކެންޑިޑޭޓަށާއި، ކެންޑިޑޭޓް ކަނޑައެޅި ސިޔާސީ ޕާޓީއަށް ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސް އިން ހިލޭ އާއި ވިޔަފާރި އުސޫލުން އެއަރޓައިމް ދިނުމަށްވަނީ ނިންމާފައެވެ. ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ މުއްދަތުގައި އެއަރޓައިމް ދޭ އުސޫލާއި އެއަރޓައިމް ދޭ ވަގުތުތަކުގެ އިތުރުން ވިޔަފާރި އުސޫލުން ރިޔާސީ ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ވަގުތު ވިއްކާ އަގުވެސް މި އުސޫލުގައި ވަނީ ހިމަނާފައެވެ.

މިއުސޫލުގެ ދަށުން ކަންޑައަޅާފައިވާ އެއަރޓައިމްތައް ޔަޤީންކޮށް ދޫކުރާނީ އެކަމަށް ޕީއެސްއެމުން ދޫކުރާ ޚާއްޞަ ފޯމެއް ފުރިހަމަކޮށް ހަމަޖައްސާފައިވާ ވަގުތު ހަމަވުމުގެ 48 ގަޑިއިރުގެ ކުރިން ފޯމް ހުށައަޅައި ފޯމް ބަލައިގަތްކަމުގެ ރިސިޕްޓް ލިބުމުންނެވެ. މިއުސޫލުގެ ދަށުން ބްރޯޑްކާސްޓްކުރާ ކޮންޓެންޓްތަކަކީ، ޕަބްލިކް ސަރވިސް މީޑިއާއިން ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ކޯޑާއި އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަނޑައަޅާފައިވާ ކޮންޓެންޓް ގައިޑްލައިންތަކާއި އިންތިޚާބުތަކާބެހޭ ޤާނޫނާއި، ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި ކެމްޕެއިން ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފް ނުވާ ކޮންޓެންޓަށް ވާންޖެހެއެވެ.

ކެންޑިޑޭޓުންނާއި ޕާޓީތަކަށް ޕީއެސްއެމްގެ ޗެނަލްތަކުން އެއަރޓައިމް ދިނުމުގެ އުސޫލަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށާފައިވާއިރު މިއަދު ޕީއެސްއެމުން ވަނީ މިކަމާއި ގުޅޭގޮތުން ކެންޑިޑޭޓުންގެ މަންދޫބުންނާވެސް ބައްދަލުކޮށްފައެވެ. މިބައްދަލުކުރެއްވުމުގައި ޕީއެސްއެމުން މިކަމަށް އެކުލަވާލި އުސޫލުގައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު އެފަރާތްތަކާ ހިއްސާކޮށްފައެވެ. އަދި އެއަރޓައިމްދޭ ސްލޮޓްތައް ކަނޑައެޅިއެވެ. ސްލޮޓްތައް ކަނޑައެޅީ ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ގުރުއަތުލައިގެންނެވެ. ބައްދަލުވުމަށްފަހު ޕީޕީއެމްގެ މަންދޫބު ޢަހްމަދު ސިއްދީޤް ވިދާޅުވީ ރާއްޖޭގެ ހުރިހާ ޗެނަލްތަކުންވެސް ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް އެއަރޓައިމް ދިނުމަށް ލާޒިމް ކުރާއިރު، ދަޢުލަތުގެ މީޑިއާއިން އިސްވެ މިކަން އެންމެ ފުރަތަމަ ފަށައިގަތުމަކީ ފާހަގަކުރުން މުހިއްމު ކަމެއްކަމަށެވެ.

"މިއަދު މިކުރިއަށްދިޔަ ގުރުއަތުނެގުމުންވެސް އެނގިވަޑައިގަންނަވާނެ ދެފަރާތުންވެސް ބޭފުޅުންވަޑައިގެން އެކަން ކުރިއަށްމިދިޔައީ. މީޑިއާކުރިމަތީގައި ހަމަ ހަމަކޮށް، އެހެންވީމަ ވަކި މީހަކަށް ވަކި ފުރުޞަތެއް، ރަނގަޅަށް ނުވަތަ ނުރަނގަޅުކޮށް ގެންދިއުމުގެ އެއްވެސް ކަހަލަ ކަމެއް މިތާގައި ނުހިނގާ އަދި ހަމަ އެހެންމެ މިކަމުން އެނގިގެންދިޔައީ ދައުލަތުގެ މީޑިއާ އެންމެ ރަނގަޅަށް ބޭނުންކުރުމައްޓަކައި މިކަން އިންތިޒާމްކުރެވިގެން ދިޔަކަން" ސިއްދިޤް ވިދާޅުވިއެވެ.

އެމްޑީޕީގެ މަންދޫބުން އެއްޗެއް ވިދާޅު ނުވިޔަސް، އެބޭފުޅުންވެސް ވަނީ އެއަރޓައިމް ދޭން ނިންމި ގޮތާމެދު އެއްބަސްވެ، އެއަރޓައިމް ބޭނުންކުރާނެކަން ހާމަކުރަައްވާފައެވެ.

އެއަރޓައިމް ދިނުމުގެ ކަންކަމާއި ގުޅޭ މުޢާމަލާތްތައް ކުރުމަށް ޕީއެސްއެމުން ކަނޑައަޅާފައިވާ ސްޕޯކްސްޕާސަން، އާމިނަތު ހުޝާމާ އިބްރާހީމް ވިދާޅުވީ ޕީ.އެސް.އެމުން އެކުލަވާލި އުސޫލަށް ދެފަރާތުންވެސް އެބަސްވެފައިވާކަމަށާއި، އިންތިޚާބުގައި ވާދަކުރާ ދެފަރާތަށްވެސް ވީހާވެސް ހަމަހަމަ ގޮތެއްގައި ފުރުޞަތު ދޭނެކަމަށެވެ.

"އަޅުގަނޑުމެން މިއުސޫލު އެލުލާވާލާފައި މިވަނީ ރިޔާސީ އިންތިޚާބުގެ ޤާނޫނާއި، ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން، އެބޭފުޅުން ވަނީ މިއުސޫލަށް އިޤްރާރުވެ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި. އަޅުގަނޑުމެންވެސް ބަލާނީ އުސޫލާއެއްގޮތަށް ހަމަހަމަ ފުރުސަތު ދެވޭތޯ" ހުޝާމާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި ޕާޓީތަކަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޗެނަލްތަކުން އެއަރޓައިމް ދިނުމުގެ އުސޫލަށް އަމަލުކުރަން ފެށިނަމަވެސް ދައުލަތުން ކުރާ އެކިއެކި ކަންކަމާއި މަސައްކަތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ޤާނޫނަކުން ޕީއެސްއެމްއަށް ލާޒިމްކުރާކަމެއްކަމުން ދައުލަތުން ކުރާ މުހިންމު ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދެމުންދާނެއެވެ. އަދި މިއީ ޤާނޫނުން ލާޒިމްކުރާކަމެއްކަމުން އިންތިޚާބާއި ކައިރިވެފައިވީ ނަމަވެސް މިފަދަކަންކަމުގެ ޚަބަރާއި މަޢުލޫމާތު ޤާނޫނުގައިވާގޮތުގެ މަތިން ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދެމުންދާނެއެވެ.