ކުޅިވަރު

ޗެލްސީ އޮތީ ތަށްޓަށް ވާދަކުރެވޭ ފެންވަރުގައެއްނޫން: ކޯޗު


އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އާސެނަލް އަތުން 3-2 ން މޮޅުވި ނަމަވެސް، ޗެލްސީ އޮތީ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ވާދަކުރެވޭ ފެންވަރުގައި ނޫން ކަމަށް އެ ޓީމުން ބުނެފި އެވެ.
ކޯޗު މައުރީޒިއޯ ސަރީ ބުނީ އޭނާއަށް މެޗުގައި ބަލާލަން ކަމުދިޔައީ 75 މިނިޓް ކަމަށެވެ.

"އަނެއް 15 މިނިޓް ރަނގަޅީ ސިނގިރޭޓްބޯން. އަހަރުމެން މިތބީ އަދި މެންޗެސްޓާ ސިޓީއާ ވާދަކުރެވޭ ފެންވަރުގައިނޫން ކަމަށް އަހަރެން ދެކެނީ. ތަށްޓަށް ވާދަކުރާ ޓީމެއް އެއީ. އަހަރުމެން އަދި ވަރަށް މަސައްކަތް ކުރަންޖެހޭ،" ކޯޗު ބުންޏެވެ.

ރޭގެ މެޗުގައި ފުރަތަމަ ދެ ގޯލު ޖެހީ ޗެލްސީއެވެ. ޕެޑްރޯ އާއި މޮރާޓާ ފުރަތަމަ 20 މިނިޓް ތެރޭގައި ޖެހި ގޯލުތަކަށް ފަހު އާސެނަލް އިން އެއްވަރުކުރީ ފުރަތަމަ ހާފު ނިމުމުގެ ކުރިންނެވެ. ލަނޑު ޖެހީ 37 ވަނަ މިނިޓްގައި ހެންރިކް މިކިތާރިއަން އާއި 41 ވަނަ މިނިޓްގައި އެލެކްސް އިވޯބީ އެވެ. ޗެލްސީ މޮޅުވީ މެޗު ނިމެން 9 މިނިޓަށްވެފައިވަނިކޮށް މާކޯސް އަލޮންސޯ ޖެހި ލަނޑުންނެވެ.
މިއާއެކު އާސެނަލް ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. ޓީމާ މި ސީޒަނުގައި ހަވާލުވި ކޯޗު އުނާއީ އެމެރޭ ބުނީ ބަލިވިޔަސް ކުޅުން ރަނގަޅު ކަމަށެވެ.

"ނަތީޖާ އަހަރުމެންނަށް އެހާ ރަނގަޅެއްނޫން. އެކަމަކު އަހަރުމެން ރަނގަޅަށް ކުޅެ ފުރަތަމަ ހާފުގައި ފުރުސަތުވެސް ހޯދިން. މި ޓީމުގައި މިރޭ ކުޅުނީ މެދުތެރޭގައި 19 އަހަރުގެ ކުއްޖަކާއި 21 އަހަރުގެ ކުއްޖެއް. ޓީމު ބިނާކުރަން ޖެހިފައިމިވަނީ. މިކަމަށް ވަގުތުނަގާނެ،" 22 އަހަރަށް ފަހު ކޯޗުކަމުން އާސެން ވެންގާ ވަކިވުމުން ކޯޗުކަމާ ހަވާލުވި އެމެރޭ ބުންޏެވެ.