ޚަބަރު

ޙައްޖުގެ ކުރިން ޢުމްރާ ނުކުރެވުނަސް ޙައްޖު ފުރިހަމަވާނެ - ޝައިޚް ޢަބްދުﷲ


ދަތުރު ލަސްވުންފަދަ ކަމެއް މެދުވެރިވެގެން ޙައްޖުގެ ކުރިން ޢުމްރާ ނުކުރެވުނަސް ޙައްޖު ފުރިހަމަވާނެކަމަށް ސަލަފް ޖަމިއްޔާގެ ރައީސް ޝެއިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޖަމިއްޔަތުލް ސަލަފްގެ ރައީ އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ ރާއްޖެއިން ޢާއްމުކޮށް ޙައްޖަށްދާފަރާތްތަކުން ޙައްޖުގެ ކުރިން ޢުމްރާއެއްކުރާކަމަށާއި، މިއީ "ތަމައްތުޢު ޙައްޖު" ކަމަށެވެ. އަދި އިއްޔެ ޙައްޖަށް ފުރި ޙައްޖުވެރިންނަށް ޙައްޖުގެ ކުރިން ކުރާ ޢުމަރާ ނުކުރެވޭނެކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް، މިއަދު އެފަރާތަތްކުން މިޢުމްރާ ކުރާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ޝެއިޚް ޢަބްދުﷲ ވިދާޅުވިއެވެ. ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސަލަފް ޖަމިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ ވިދާޅުވީ މަޤުބޫލު އުޒުރަކާލައިގެން މިޢުމްރާ ނުކުރެވުނުނަމަވެސް ޙައްޖު ފުރިހަމަވާނެކަމަށެވެ. އެގޮތުން ޙައްޖުގެ ބާވަތްތަކުގެ ތެރޭގައި ޢުމްރާއާ އެކު ކުރާ ޙައްޖާއި ޢުމްރާނުކޮށް ސީދާ މިނާ ނުވަތަ ޢަރަފާތަށް ގޮސްގެންވެސް ޙައްޖުކުރެވޭނެކަމަށް ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް މިހެން ވިދާޅުވެ ޓުވީޓު ކުރައްވާފައިވަނީ ރާއްޖެއިން މިއަހަރު ޙައްޖަށްދާ ބައެއް ފަރާތްތަކުގެ ދަތުރު ސައުދީ އެއަރލައިނަށް ދިމާވި މައްސަލައެއްގެ ސަބަބުން ފަސްވުމާ ގުޅިގެން އެޙައްޖާޖީންގެ ޙައްޖު ފުރިހަމަވާނެކަމާމެދު ސުވާލު އުފައްދާ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ޝުޢޫރު ފާޅުކޮށްފައިވާތީއެވެ.

ރާއްޖެއަށް ފަހުން ލިބުނު 1000 ކޯޓާގައި ޙައްޖަށް ދިޔަ 400 އަށްވުރެ ގިނަ މީހުންނަށް ޙައްޖަށް ފުރުނީ އިއްޔެއެވެ.