ޚަބަރު

މިސަރުކާރުން ހުޅުމާލެއަށް ގެނައި ތަރައްޤީ އޭގެ ކުރީގެ 15 އަހަރާ ނުބައްދަލު - މިނިސްޓަރ ސަޢީދު


ހުޅުމާލެ ތަރައްޤީކުރުމަށް ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ 4 އަހަރު ތެރޭގައި ކޮށްފައިވާ މަސައްކަތަކީ އޭގެ ކުރީގެ 15 އަހަރުގެ ތަރައްޤީއާ ނުބައްދަލު ކާމިޔާބީ ޙާސިލުކޮށްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ އިތުރަށް ތަރައްގީ ކުރެވިދާނެ ކަމަށް ވިދާޅުވެ އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުޙައްމަދު ސާލިޙް ދައްކަވާފައިވާ ވާހަކަފުޅުތަކަށް ރައްދުދެއްވައި އިކޮނަމިކް މިނިސްޓަރ ވަނީ ފާޑުވިދާޅުވެފައެވެ.

ހުޅުމާލޭގެ އެހާރާއި މިހާރުގެ ފޮޓޯތަކާއެކު މިނިސްޓަރ ސަޢީދު ކުރެއްވި ޓްވިޓުގައި ވިދާޅުވީ، ރައީސް ޔާމީންވަނީ ހުޅުމާލެ ތަރައްޤީކުރައްވާފައިކަމަށާ، ހުޅުމާލޭގައި މިހާރުކުރިއަށްދާ ހިޔާ މަޝްރޫޢުނިމި އެތަނުގައި ކުރިއަށްގެންދާ ވިޔަފާރިއާއި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ނިމޭއިރު އެތަން ތަރައްޤީކުރުމަށް އިތުރަށް ކުރާނެ ކަމެއް ނޯންނާނެކަމަށެވެ. އިދިކޮޅު ކޯލިޝަނެއްގެ ވެރިކަމެއްގައި ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް އޮތްކަމަށް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް މިހާތަނަށްވެސް ދެއްވާފައެއް ނުވެއެވެ.

މިނިސްޓަރު ސަޢީދުގެ ޓްވީޓް

އިކޮނަމިކް މިނިސްޓަރ ވިދާޅުވީ، ހުޅުމާލެއަށް މި ސަރުކާރުން ގެނެސްދީފައިވާ ތަރައްޤީއަށް ނަޒަރު ހިންގާލުމުންވެސް ޢަމަލީގޮތުން ނަތީޖާ ނެރުމާއި ޚިޔާލީ ފޮލާ ކެއްކުމުގެ ތަފާތު ހާމަވެގެންދާކަމަށެވެ. އެހެންކަމުން އިދިކޮޅު ކޯލިޝަންގެ ފަރާތުން ތަރައްޤީގެ އައު ވާހަކަތަކެއް ދެއްކުމަށް މިނިސްޓަރ ސަޢީދުވަނީ ގޮވާލައްވާފައެވެ.

ހުޅުމާލެއަކީ ޒުވާނުންނަށް އެންމެ އެކަށޭނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ "ޔޫތް ސިޓީ"އަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހާމަކުރެއްވި ތަސައްވުރުގެ ބޮޑުބައެއް ހަޤީޤަތަކަށް ވެފައިވާތަން މިހާރުދަނީ ފެންނަމުންނެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން މިހާރުވެސް ގިނަ ޚިދުމަތްތަކެއް ލިބެންހުރިއިރު، ދެވަނަ ފިޔަވަހި ތަރައްޤީ ކުރަމުންދަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ދެމެހެއްތެނިވި ގޮތަކަށް ދިވެހިންނަށް މަންފާކުރާފަދަ ގޮތަކަށެވެ. އެގޮތުން އެއްލައްކަ ސާޅީސްހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށް ތަރައްގީކުރާ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫ "ހިޔާ"ގެ އިތުރުން ސަރުކާރުން މިހާރު ދަނީ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތަކެއްގެ ދަށުން ހުޅުމާލޭގައި ތަފާތު ގިނަޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ.

ރާއްޖޭގައި ކުރިއަށްގެންދާ އެންމެބޮޑު ހަކަތައިގެ މަޝްރޫޢު ފިފްތް ޕަވަރ ޕްރޮޖެކްޓްވެސް ކުރިއަށްދަނީ ހުޅުމާލޭގައެވެ. ސުޕަރ-ސްޕެޝަލިޓީ ޚިދުމަތްތަކާއެކު ރާއްޖޭގައި ތަރައްޤީކުރި ފުރަތަމަ ޓަރޝަރީ ހޮސްޕިޓަލްވެސް މިހާރު މިވަނީ ހުޅުމާލޭގައި ހުޅުވާފައެވެ. ގިނަ ޢަދަދެއްގެ ފްލޯޓިންގ ޕޮޕިއުލޭޝަން ނުވަތަ އައިސްގޮސް އުޅޭ މީހުންނަށް އެކަށޭނަ ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީކުރައްވަމުން ގެންދަވާއިރު، އެންމެ ބޮޑަށް ފާހަގަކުރެވެނީ މާލެއާއި ހުޅުލެ އަދި ހުޅުމާލެ ގުޅާލުމަށް ސަރުކާރުން ފެށްޓެވި ސިނަމާލެ ބްރިޖްގެ މަޝްރޫޢެވެ. މިމަޝްރޫޢު މި މަހުގެ ނިޔަލަށް ނިމިގެންދާއިރު، މިއީ މާލެ ސަރަހައްދުގެ މަލަމަތި ބަދަލުކޮށްލާ އެތައްރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެ މަޝްރޫއެކެވެ.