ޚަބަރު

ފެންބޮޑުވެފައިވާ ކޮޗިންއިން ދިވެހިން ބަދަލުކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށް


އިންޑިއާގެ ދެކުނު ކެރަލާ ސްޓޭޓަށް ކުރަމުންދާ ވިއްސާރައިގައި އެސްޓޭޓުގެ ކޮޗިންގައި ހާލުގައިޖެހިފައިތިބި 157 ދިވެހިން ތްރިވަނަންތަޕޫރަމަށް ބަދަލުކޮށްފައިވާކަމަށް ތްރިވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް އޮފީހުން ބުނެފިއެވެ.

ކޮންސިއުލޭޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކެރަލާއަށް މޫސުމް ގޯސްވެ، ކޮޗިންގައި ތާށިވެފައިތިބި ދިވެހިންގެ ބައެއްމީހުން އެއްގަމުމަގުން ތްރިވަނަންތަޕޫރަމަށް ސަލާމަތްތެރިކަމާއެކު ގެނެސްފައިވާކަމަށެވެ. އަދި އިތުރު ދިވެހިން ރައްކާތެރިކަމާއެކު ތްރިވަނަންތަޕޫރަމަށް ބަދަލްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ކޮންސިއުލޭޓުން ބުނިއެވެ. ކޮންސިއުލޭޓުން ބުނިގޮތުގައި ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައިވާ ވަގުތެއްގައި ކޮޗިންގެ އަމްރިތާ ހޮސްޕިޓަލް އަކައިރިން ދިވެހިންނަށް ބަހުގެ ޒަރިއްޔާއިން ތްރިވަނަންތަޕޫރަމަށް ދިއުމުގެ އިންތިޒާމް ހަމަޖެހިފައިވާނެކަމަށެވެ.

މިކަމާބެހޭ އިތުރު މަޢުލޫމާތު ކޮންސިއުލޭޓުގެ ނަންބަރު 7356810216 ލިބޭނެކަމަށްވެސް ކޮންސިއުލޭޓުން މަޢުލޫމާތުދިނެވެ. ތްރިވަނަންތަޕޫރަމުގައި ހުންނަ ދިވެހި ކޮންސިއުލޭޓުންބުނީ ކޮޗިން އެއަރޕޯޓު ވަގުތީގޮތުން ބަންދުކުރުމާގުޅިގެން ރާއްޖެ އަނބުރާ ނާދެވިފައި ތިބި ދިވެހިން އަނބުރާ ޤައުމަށް ގެނައުމަށް މޯލްޑިވިއަންއާއި ސްރީ ލަންކަން އެއަރލައިންސް މެދުވެރިކޮށް މަސައްކަތްކުރަމުންދާކަމަށްވެސް ދިވެހި ކޮންސިއުލޭޓުން ބުނެއެވެ.

ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ކޮޗިން އެއަޕރޯޓު ވަނީ މިމަހުގެ 26 އާ ހަމަޔަށް ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އިންޑިއާގެ ކެރަލާ ސްޓޭޓަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ހިނގި ތަފާތު އެކިޙާދިސާތަކުގައި މިހާތަނަށް ދުއިސައްތައެއްހައިމީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މޫސުމީ އެކި ޙާދިސާތަކުގެ އަސަރުކުރި ޞަރަޙައްދުތަކުން 223 ހާހަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

މިއީ 1924 ވަނަ އަހަރުގެ ފަހުން މޫސުމީ ވިއްސާރައިގައި ކެރެލާ ސްޓޭޓުގައި މިހާވަރަށް ފެންބޮޑުވި ފުރަތަމަ ފަހަރުކަމަށް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ.