ޚަބަރު

އދ ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން އަވަހާރަވެއްޖެ


އދ ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން، އަވަހާރަވެއްޖެއެވެ. އުމުރުފުޅުން އައްޑިހަ އަހަރުގެ އަނާން އަވާހާރަވީ، އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސްވިޒަލޭންޑުގެ ހޮސްޕިޓަލެއްގައި އެނދުމަތި ކޮށްފައި އޮންނަވަނިކޮށް ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

ކޯފީ އަނާނަކީ ހުޅަނގު އެފްރިކާގެ ގައުމެއްކަމަށްވާ ގާނާއަށް އުފަން ބޭފުޅެކެވެ. އޭނާ އުފަންވީ 1938 ވަނަ އަހަރު، ގާނާގެ ރަށެއްކަމަށްވާ ކުމާސީގައެވެ. ގާނާއިން އިބްތިދާއީ ތަޢުލީމާއި ސާނަވީ ތަޢުލީމާއި ޔުނިވަރސީޓީގެ ފަސްޓް ޑިގްރީ ޙާސިލުކުރެއްވުމަށްފަހު މާސްޓަރސް ޑިގްރީ ހާސިލްކުރެއްވީ މެނޭޖްމަންޓްގެ ދާއިރާއިން އެމެރިކާގެ މެސަޗޫސެޓްސް ޔުނިވަރސީޓީގައެވެ.

އަނާން އދ އާ ގުޅިވަޑައިގެންނެވީ 1962 ވަނަ އަހަރުގައެވެ. އޭނާ އދ ގައި ފުރަތަމަ އަދާކުރެއްވީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ކަމަށްވާ ޑަބްލިއު.އެޗް.އޯ ގެ ބަޖެޓް އޮފިސަރެއްގެ މަޤާމެވެ. އެއަށްފަހު އދ ގެ އެކި ޖަމިއްޔާތަކުގައި އެކި ގިންތީގައި ދިގުމުއްދަތަކަށް އަނާން މަސައްކަތްކުރެއްވިއެވެ. އދ ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު ލިބިވަޑައިގަތުމުގެ ކުރިން އަނާންވަނީ ސެކެޓްރީ ޖެނެރަލް ގެ ފަރާތުން ކުރީގެ ޔުގޮސްލޭވިޔާއަށް ކަނޑައެޅި ޚާއްސަ މަންދޫބެއްގެ މަގާމުވެސް އަދާކުރައްވާފައެވެ.

އަނާނަށް އދ ގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމު ލިބިވަޑައިގަތީ 1997 ވަނަ އަހަރުގައެވެ. 1997ން 2006 ށް އދ ގެ ސެކެޓްރީ ޖެނެރަލްކަމުގެ ފަސް އަހަރުގެ ދެ ދައުރު އޭނާ އަދާކުރައްވާފައިވެއެވެ. އަދި ރިޓަޔަރ ކުރެއްވުމަށްފަހު، ސޫރިޔާއަށް އދ ން ކަނޑައަޅާފައިވާ ޚާއްސަ މަންދޫބެއްގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ. އެ މަގާމުގައި ހުންނަވައިގެން ސޫރިޔާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯއްދުމަށް އަނާން ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ކޯފީ އަނާނަކީ، ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި އެތައް މައްސަލަތަކަކަށް ސުލްހަވެރި ހައްލެއް ހޯދައިދިނުމަށް، މަޑުމައިތިރިކަމާއެކު ސުލްޙަވެރި ސިޔާސަތެއް ގެންގުޅުއްވި ހަރުދަނާ ޑިޕްލޮމެޓެކެވެ. ދުނިޔޭގެ ސުލްޙައަށްޓަކައި އޭނާ ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ސުލްހައިގެ ނޯބެލް އިނާމުވެސް އަނާނަށް ވަނީ ލިބިވަޑައިގެންފައެވެ.

އަނާން އަވަހާރަވުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި އދ ގެ މިހާރުގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުޓޭރޭޝް ވިދާޅުވެފައިވަނީ، އަނާނަކީ، އަމިއްލަ ނަފުސަށްވުރެ އެހެން މީހުންގެ ކަންކަމަށް އިސްކަންދެއްވައި، ދުނިޔޭގައި ސުލްހަވެރިކަމާއި ހަމަހަމަކަމާއި އަމަންއަމާންކަން ޤާއިމުކުރެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި، ހަރުދަނާ، ނަމޫނާ ޝަޚްޞިއްޔަތެއްކަމަށެވެ. އަނާން ވަކިވެގެންދިޔުމަކީ މުޅި ދުނިޔެއަށް ލިބިގެންދިޔަ ގެއްލުމެއްކަމަށްވެސް ގުޓޭރޭޝް ސިފަކުރައްވާފައިވެއެވެ.

އަނާން ދިރިއުޅުއްވަނީ ސްވިޒަލޭންޑުގައެވެ.އަނާން އަވަހާރަވި ވަގުތު އޭނާގެ އަނބިކަނބަލުން މާރިޔާ އަނާނާއި ތިން ދަރިން އަރިހުގައި ތިއްބެވިކަމަށް، އޭނާގެ ޢާއިލާއިން ނެރުނު ބަޔާނުގައިވެއެވެ.