ޚަބަރު

ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ހުރި ބިމުގައި އިސްލާމީ ބިނާއެއް ޤާއިމްކޮށްދޭނަން - ޑރ. ޝަހީމް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ދެވަނަ ދައުރެއްގައި ގދ.ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ހުރި ބިމުގައި އިސްލާމީ ބިނާއެއް އަޅުއްވައި ދެއްވާނެ ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ ރައީސް ޔާމީނާއި އެމަނިކުފާނަށް ތިނަދޫ ރައްޔިތުންގެ ތާޢީދު އޮތް މިންވަރު ދައްކާލުމަށް އެރަށުގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ ބައިވެރިންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ.ޝަހީމް ވިދާޅުވީ ތިނަދޫ ރައްޔިތުންގެ އިހުސާސްތައް އަޑުއައްސަވައިފި ކަމަށާއި އެރައްޔިތުން އެދޭކަންކަން އޮޅުންފިލާފައިވާ ކަމަށެވެ. އެގޮތުން ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ހުރި ބިމުގައި އިސްލާމީ ބިނާއެއް ޤާއިމުކޮށްދެއްވުމަށް އިސްރަށްވެހިން އެދިފައިވާ ކަމަށާއި އެހެން ކަމުން ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވި ވަޑައިގަންނަވައިފިނަމަ އެ ބިމުގައި އިސްލާމީ ބިނާއެއް އަޅުއްވައި ދެއްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ ތިނަދޫގެ ރައްޔިތުން ބޭނުންވަނީ ފަނާކުރަން ނޫން ކަމަށާއި އެ ރައްޔިތުން ބޭނުންވަނީ ބިނާ ކުރަން ކަމަށެވެ. އެގޮތުން އިދިކޮޅު އެމްޑީޕީ އިސްވެ އޮވެ ތިނަދޫ ޕޮލިސްޓޭޝަނާއި އިތުރު ޢިމާރާތްތަކުގައި ހުޅުޖެހި ދުވަސް މާޒީވެ ގޮސްފައިވާ ކަމަށާއި މިހާރު ތިނަދޫގެ ރައްޔިތުން ބޭނުންވަނީ ޢީމާރާތްތައް ބިނާކޮށް ރަށް ތަރައްޤީ ކުރަން ކަމަށް ވިދާޅުވިއެވެ. އަދި އެކަންވާނީ ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިޚާބުކޮށްގެން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ތާޢީދު އޮތް މިންވަރު ދައްކާލުމަށް ތިނަދޫގައި ބޭއްވި ހިނގާލުމުގައި ތިނަދޫގެ ދެޖިންސުގެ އެކި އުމުރުފުރައިގެ ގިނަ ރައްޔިތުން ބައިވެރިވިއެވެ. އެގޮތުން ތިނަދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ ހިނގާލުން ނިންމާލީ ދުޢާއަކުންނެވެ.