ޚަބަރު

ރާއްޖެއިން މިއަހަރު ޙައްޖަށްދާ ހުރިހާ މީހުން ފުރައިފި


މިއަހަރުގެ ޙައްޖު އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދާ ދިވެހި ހުރިހާ ޙައްޖާޖީން ފުރައިފިއެވެ.

މިއަހަރު ރާއްޖެއިން 1379 މީހަކު ހައްޖުގެ އަޅުކަމަށް ސަޢުދީއަށްދާއިރު މި މީހުންގެ ތެރެއިން އެންމެ ފަހު ޤްރޫޕް ފުރާފައިވަނީ މިއަދު ހަވީރުއެވެ. މިއަދު ފުރާފައި ވަނީ ޙައްޖު ކޯޕަރޭޝަނާއި އަލްޙަރަމައިން ޖަމާޢަތާއި ތަޒްކިޔާ ޖަމާޢަތުގެ ޙަވާލުގައި ހައްޖާދާ 379 ޙައްޖުވެރިންނެވެ. މީގެ ތެރޭގައި ހިމެނެނީ ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި ޙައްޖަށްދާ 355 މީހުންނާއި ތަޒްކިޔާ ޖަމާޢަތުގެ 13 މީހުން އަދި ޙަރަމައިން ޖަމާޢަތުގެ 11 މީހުންނެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ފުރި 355 މީހުންނަކީ ރާއްޖެއަށް މިއަހަރު އިތުރަށް ލިބުނު 1000 ކޯޓާގެތެރެއިން ޙައްޖު ކޯޕަރޭޝަނަށް ލިބުނު 900 ކޯޓާއިން ޙައްޖަށް ދާ މީހުންނެވެ. އަދި ބާކީއޮތް 100 ޙައްޖު ކޯޓާ ދީފައިވަނީ އަލްޙަރަމައިން ޖަމާޢަތަށާއި ތަޒްކިޔާ ޙައްޖު ގުރޫޕަށެވެ. މިއިން ކޮންމެ ޙައްޖު ގްރޫޕަކަށް 50 ޙައްޖު ކޯޓާ ވަނީ ދީފައެވެ.

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ސަޢުދީއަށްދާ ޙައްޖުވެރިން އިއްޔެ ފުރަން ހަމަޖެހިފައިވީނަމަވެސް، ނުފުރި ލަސްވީ ސަޢޫދީ އެއަރލައިންއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. މިމައްސަލަ ހައްލުކޮށް، ހައްޖުވެރިން ސަޢުދީއަށް ފުރުވާލާފައިވަނީ މި މައްސަލަ ހައްލުކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި މުވައްސަސާތަކުން ސަޢޫދީ އެއަރލައިނާއެކު ކުރި މަސައްކަތުންނެވެ.

މިއަހަރު ރާއްޖެއިން ޖުމުލަ 1379 މީހުން ޙައްޖުގެ އަޅުކަމަށް ސަޢުދީއަށް ފުރާއިރު މީގެ ތެރޭގައި ހިމެނެނީ ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި ދާ 955 މީހުންނާއި ޒައީ ގުރޫޕުން 100 މީހުން، އަލްޙަރަމައިން ގުރޫޕުން 111 މީހުން، ސިސިލްފަރު ގުރޫޕްގެ 100 މީހުން އަދި ތަޒްކިޔާގެ ޖަމަޢަތުގެ 113 މީހުންނެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއަށް ފުރަތަމަ ލިބިފައި އޮތީ 1000 ކޯޓާއެވެ. ނަމަވެސް ސަޢުދީން ވަނީ އިތުރު 1000 ކޯޓާ އިތުރުކޮށްދެއްވާފައެވެ.

ރާއްޖެއިން ހައްޖަށްދާ ޙައްޖުވެރިންގެ ކަންތައްތައް ބަލައި، ސަޢޫދީ އަރަބިއްޔާގައި ހައްޖުވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް މައްކާގައި މިއަހަރުވެސް ވަނީ "ދިވެހި ހައްޖު މިޝަންގެ އޮފީސް"ގެ ނަމުގައި އޮފީހެއް ޤާއިމްކޮށްފައެވެ.