ޚަބަރު

އީރާނުގެ ފައުޖުތައް ސޫރިޔާއިން ބޭރުކުރުމަކީ ދަތިކަމަކަށް ވާނެ- ރަޝިޔާ


ސޫރިޔާގެ ބިމުން އީރާނުގެ އަސްކަރީ ބާރުތައް ބޭރުކުރުމަކީ ދަތި އަދި އުނދަގޫ ކަމެއްކަމަށް ރަޝިޔާއިން އެމެރިކާއަށް އަންގައިފިއެވެ.

އެމެރިކާގެ މަސްއޫލުވެރިއަކު ރޮއިޓަރސް އަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ޖުލައިމަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން ހެލްސިންކީގައި ބޭއްވި ބައްދަލުވުމުގައި، ސޫރިޔާގެ ބިމުން އީރާނުގެ އަސްކަރީ ބާރުތައް ބޭރުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ޕުޓިންގެ އަރިހުން ޓްރަމްޕް އެދިވަޑައިގެންނެވިކަމަށެވެ.

ރައްދުގައި، އެއީ ކުރަން ވަރަށް ދަތި އަދި އެހާމެ އުނދަގޫ ކަމެއްކަމަށް ޕުޓިން ޓްރަމްޕަށް އެންގެވިކަމަށް ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. ޓްރަމްޕާއި ޕުޓިން ބޭއްވި ސަމިޓާ ބެހޭ މާބޮޑު ތަފްސީލެއް ވައިޓް ހައުސުންވެސް އަދި ކްރެމްލިނުންވެސް ހާމަކޮށްފައެއް ނުވެއެވެ.

އަންނަ ހަފުތާގައި ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާ އާއި ރަޝިޔާގެ ޤައުމީ ސަލާމަތާބެހޭ އިސްވެރިންގެ ބައްދަލުވުމުގެ އެޖެންޑާގައިވެސް ސޫރިޔާގައި އީރާން އަދާކުރާ ދައުރާބެހޭގޮތުން މަޝްވަރާކުރުން ހިމެނޭނެކަމަށް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.