ޚަބަރު

ރަށްވެހިވެފައިވާކަން ކަށަަވަރު ކުރުމަށް އިލްތިމާސްކޮށްފި


ރަށްވެހިކަން ބަދަލުވެފައިވާ ކޮންމެ މީހަކުވެސް އެމީހެއްގެ ރަށްވެހިކަން ކަށަވަރުކުރުމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު އިލްތިމާސް ކުރައްވައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއިން ގެނެސްދޭ "ތަރައްޤީ އައު ޒަމާނަކަށް" ޕްރޮގްރަމްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ އެކި ސަބަބުތަކަށްޓަކައި އުފަންރަށް ދޫކޮށް އެހެން ރަށްރަށަށް ބަދަލުވެފައިވާ މީހުންގެ ރަށްވެހިކަން ކަށަވަރުކުރުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި ރަށްވެހިކަން ކަށަވަރުކުރުމަކީ އެއްވެސް ޙާލެއްގައި ވޯޓާ ގުޅުންހުރި ކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އެކި މުއައްސަސާތަކުން ޚިދުމަތް ހޯދުމުގައި ދަތިތައް މިފަދަ ފަރާތްތަކަށް ދިމާވުމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާކަމަށާއި މިކަން ޙައްލުކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދާ ކަމަށެވެ. އެގޮތުން މިފަދަ ފަރާތްތަކުގެ ރަށްވެހިކަން ޔަޤީން ކުރުމަށް މިނިސްޓްރީގެ ޚާއްސަ ޓީމްތަކެއް ރަށްރަށް ދިޔުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ދެމުންގެންދާ ޚިދުމަތްތަކާއި އަލަށް ފަށާ ގެދޮރުވެރިކުރުންފަދަ ޚިދުމަތްތަކަށް ކުރިމަތިލާއިރު މި މައްސަލަ ދިމާވުމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިފަދަ މައްސަލައެއް ޙައްލުކުރުމުގައި ކައުންސިލްތައް ވެސް ޒިންމާދާރު ކުރުވުމުގެ މަސައްކަތް އެލްޖީއޭ އާއި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ހޯމް މިނިސްޓްރީން ގެންދަނީ ކުރަމުންނެވެ. އަދި ކޮންމެ ދިވެއްސަކީވެސް ކޮންމެވެސް ރަށަކަށް ރަށްވެހިވެފައިވާ ފަރާތެއްކަން ކަށަވަރުކުރުމަށް ހޯމް މިނިސްޓްރީން ދަނީ މަސައްކަތްކުރަމުންނެވެ.