ޚަބަރު

ކާބުލްގެ ތަޢުލީމީ މަރުކަޒަކަށްދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި


ބުރާސްފަތި ދުވަހު ކާބުލްގެ ސްކޫލަކަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިހަމަލާ ކުއްވެރިކޮށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް، އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރު ޞަލާޙުއްދީން ރައްބާނީއަށް ފޮނުއްވި މެސެޖުގައި، ކާބުލްގައި ހުރި ތަޢުލީމީ މަރުކަޒަކަށް ދިން ޖާނުންފިދާވުމުގެ ޓެރަރިސްޓް ހަމަލާގައި ކުށެއްނެތް އެތައް ކުދިންތަކެއް މަރުވެ، ބޮޑެތި އަނިޔާތަކާ ކުރިމަތިލާންޖެހުނު ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި ޓެރަރިޒަމްގެ މި ފަދަ ޢަމަލުތައް ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަފްޣާނިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާކަމަށްވެސް މި މެސެޖުގައި ވިދާޅުވެފައިވެއެވެ.

ބުރާސްފަތި ދުވަހު ކާބުލްގެ ސްކޫލަކަށް ދިން މިހަމަލާގައި ސާޅީސް އަށަކަށްވުރެ ގިނަ މީހުން މަރުވެ، ފަސްދޮޅަސް ހަތަކަށްވުރެ ގިނަ މީހުން ޒަޙަމް ވެފައިވެއެވެ.