ޚަބަރު

ޑރ.ޝަހީމް: އިޖްތިމާޢީ އަދި ދީނީ ކަންކަމުގައި އަމަލީގޮތުން ނަމޫނާ ދައްކަވާ ބޭފުޅެއް


ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ ސިޔާސީ ދާއިރާގެ އިތުރުން އިޖްތިމާޢީ އަދި ދީނީ ކަންކަމަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ބޭފުޅެއްކަން ފާހަގަކޮށްލެވެެއެވެ.

އެމަނިކުފާނު އެކި ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައިވެސް، ފެނިގެންދަނީ އިސްލާމް ދީނަށް ލޯބިކުރާ މުޖުތަމައެއް ބިނާ ކުރުމަށް ރައީސް ޔާމީން ކުރައްވަމުންގެންދަވާ މަސައްކަތް ފުރިހަމަ ކުރެއްވުމަށް ބާރުއަޅުއްވާ މަންޒަރެވެ. ޤައުމުގެ މުސްތަޤްބަލް ކަމުގައިވާ ކުޑަކުދިންނާ ބައްދަލުކޮށް ޤުރުއާނުގެ އިލްމާއި ދީނީ ކަންކަމަށް އެކުދިންގެ ހިތުގައި ލޯބި ޖެއްސުމަށް މަސައްކުރާ މަންޒަރެވެ.

ޑރ. ޝަހީމް މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެމަނިކުފާނު ވަނީ ތިނަދޫގައި އިމާމުވެ ހުކުރު ކުރައްވާފައެވެ.

ގދ. ތިނަދޫ މަސްޖިދުލް އިޚްލާސްގައި ޑރ. ޝަހީމް އިމާމްވެ ކުރެއްވި ހުކުރު ނަމާދުގައި އިއްވާފައިވަނީ ރާއްޖޭގެ އެހެން މިސްކިތްތަކުގައި ވެސް މިއަދު އިއްވި ހުކުރު ޚުތުބާއެވެ.

ހައްޖު މަހުގެ މާތް ކަމުގެ މައްޗަށް އަލި އަޅުވާލެއްވި ޚުތުބާގައި ވިދާޅުވީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހު ޒިކުރު ކުރުން އިތުރު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ހައްޖުު މަހަކީ އިސްލާމް ދީނުގައި އެންމެ ހުރުމަތްތެރިވެގެންވާ މަސް ކަމަށާއި އޭގެ ތެރެއިން ވެސް އެންމެ ބަރަކާތްތެރި ދުވަސްވަރަކީ ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށެވެ.

މިއަދުގެ ޚުތުބާއިގައި ވިދާޅުވީ މާތް ﷲގެ ހަޟްތަރުގައި ސޯލިހް އަމަލުތައް ކުރުން ލޮބުވެތި ދުވަސްވަރުގެ ތެރޭގައި ހައްޖުމަސް ހިމެނޭ ކަމަށެވެ. އެގޮތުން ރޯދަ ހިފުމަކީ ސޯލިހު އަމަލަކަށް ވުމާއެކު ކީރިތި މާތް ރަސޫލާވެސް ހައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހާއި އާޝޫރާ ދުވަހު ރޯދަ ހިއްޕަވާފައިވާކަން ޚުތުބާގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ޚުތުބާގައި އިތުރަށް ވިދާޅުވީ މާތްﷲގެ ހަޟްތަރުގައި އެންމެ ލޮބުވެތިކަން ބޮޑު ކަމަކީ ޒިކުރު ކުރުން ކަމަށާއި އެހެން ކަމުން ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހު ކުރުން އެންމެ ހެޔޮ އަމަލުތަކުގެ ތެރޭގައި ޒިކުުރު ކުރުން ހިމެނޭ ކަމަށެވެ.

"ދުނިޔެ އާއި އާޚިރަތުގެ ސަލާމަތަށް އެދި ޒިކުރު ކުރާ މީހާ ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިތާނާގެ މަޅީގައި ޖެހުމުންނާއި. ނަރަކައިގެ ގިނިހިލަތަކުގެ ފިރުމުމުން ރައްކާތެރިކޮށް ދެއްވާނެ. ﷲއަށް ޒިކުރު ކުރާ މީހާގެ މައްޗަށް އެކަލާންގެ ރަހުމަތާއި މަލާއިކަތުންގެ ހެޔޮ ދުއާ ލިބިގެންވާނެ. އެއީ މުއުމިނު އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރު." މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

ރައީސް ޔާމީންގެ ރަނިން މޭޓް ޑރ.ޝަހީމް އިމާމުވެ ތިނަދޫގެ ހުކުރު މިސްކިތުގައި ކުރެއްވި ހުކުރުނަމާދުގައި ތިނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ޑރ. ޝަހީމް ދިނަދޫއަށް ވަޑައިގެންފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ރާއްޖޭގެ އެކި ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.