ސިޔާސީ

ގދ . ތިނަދުއަށް އެންމެ ބޮޑު ޚިދުމަތްތަކެއް ކޮށްދެއްވީ ރައީސް ޔާމީން - ޑރ. ޝަހީމް


ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން ގދ ތިނަދުއަށް އެންމެ ބޮޑު ޚިދުމަތްތަކެއް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ކަމުގައި އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ކެމްޕެއިން ދަތުރުފުޅެއްގައި ގދ. ތިނަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ ތިނަދުއަކީ ސިޔާސީ ގޮތުންވެސް ހިތި ތަޖުރިބާ ތަކެއް ކޮށްފައިވާ ރަށެއްކަމަށާއި، އެހެންނަމަވެސް ރައީސް ޔާމީން ތިނަދުއަށް ޚާއްޞަ އިސްކަމެއްދެއްވައިގެން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަވާފައިވާ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން ތިނަދޫގައި ޤާއިމުކުރަމުންދާ އިސްލާމީ މަރުކަޒަކީ އޭގެ މިސާލެއް ކަމަށާއި ތިނަދޫގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަށް ރައީސް ޔާމީން ނިންމެވީ މާތް މަޤުސަދެއްގައި ކަމަށެވެ.

"އެއީ ހުވަދު އަތޮޅުގެ އެންމެހައި ރައްޔިތުންނަށް އިސްލާމީ ތަޢުލީމާއި އިސްލާމީ ޘަޤާފަތް ފޯރުކޮށްދެއްވުމަށް. މިމަރުކަޒު ޤާއިމުކުރެވިފައި މިވަނީ. މިސްކިތާއެކު ހޯލާއި ކުލާސްރޫމްތަކާއި ލައިބްރަރީ އާއި މިފަދަ ވަޞީލަތްތަކާއެކު. މިއީ ރާއްޖޭގެ އަތޮޅެއްގައި މިގޮތަށް ޤާއިމުކުރެވޭ ފުރަތަމަ މަރުކަޒު." ޑރ . ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ ތިނަދޫގައި ބިނާ ކުރާ އިސްލާމީ މަރުކަޒުގެ ފައިދާ ދެކުނުގެ ހަތަރު އަތޮޅުގެ ރައްޔިތުންނަށްވެސް ކުރަމުންދާނެކަމަށާއި ކުރިއަށް އޮތްތަނުގައި އެކަން ފެނިގެންދާނެ ކަމަށެވެ. ޑރ.ޝަހީމް ތިނަދޫއަށް މިކުރައްވާ ދަތުރުފުޅުގައި ތިނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދޮރުން ދޮރަށް ހިންގަވާނެއެވެ. ޑރ.ޝަހީމް ތިނަދުއަށް ވަޑައިގެންނެވީ ފުވައްމުލަކުގައި ފަސް ދުވަސް ހޭދަ ކުރެއްވުމަށްފަހުއެވެ.