ޚަބަރު

ހިލޭ އެހީގެގޮތުގައި މިދިޔަ 5 އަހަރު 206 މިލިއަން ޑޮލަރު ލިބިފައިވޭ - މުނައްވަރު


ވޭތުވެދިޔަ ފަސްއަހަރުދުވަހުގެތެރޭގައި ހިލޭއެހީގެ ގޮތުގައި ދުއިސައްތަ ހަމިލިއަން ޑޮލަރު ރާއްޖެއަށް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރވިދާޅުވީ މިއީ ފަސްއަހަރުދުވަހުގެ ދައުރެއްގައި ރާއްޖެއަށް އެންމެ ގިނައިން ބޭރުގެއެހީ ލިބުނު ދައުރުކަމަށެވެ. ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީއިން ރާއްޖެއަށްދިން ހިލޭ އެހީއާ ދިވެހިސަރުކާރުގެ ފަރާތުން ޙަވާލުވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖެއަށް ބޭރުގެ އެއީ ނުލިބޭކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރ ވިދާޅުވީ އިންޓްރެސްޓް ރޭޓް ކުޑަކޮށް ލުއި ލޯނުގެގޮތުގައި އެންމެގިނަ ފައިސާ ލިބިފައިވަނީވެސް މި ސަރުކާރުގެ ވެރިކަމުގައިކަމަށެވެ.

އެގޮތުން އެއް ބިލިއަން ޑޮލަރާ ގާތްކުރާ ޢަދަދަކަށް ލުއި ލޯނުގެ ގޮތުގައި މި ފަސްއަހަރުދުވަސް ނިމޭއިރު ރާއްޖެއަށް ފައިސާ ލިބޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދާދިފަހުން ވޯލްޑް ބޭންކުންވެސް 12މިލިއަން ޑޮލަރުގެ އެހީއެއް ލިބިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެތެރެއިން ފަންސާސް އިންސައްތައަކީ ހިލޭ އެހީކަމަށާއި، އަނެއް ފަންސާސް އިންސައްތައަކީ ވަރަށް ކުޑަ އިންޓްރެސްޓް ރޭޓުގައި ލިބުނު ފައިސާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ މުނައްވަރު ވިދާޅުވީ ރާއްޖެއަށް ހިލޭ އެހީގެގޮތުގައާއި، އިންޓްރެސްޓް ރޭޓް ކުޑަކޮށް ލޯނުތައް ލިބެނީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް މިސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުންކަމަށެވެ. އަދި ބޭރު ޤައުމުތަކާއި، ބޭރުގެ ބޭންކްތަކާއި ރާއްޖެއާދެމެދު އޮންނަ ގުޅުން ރަނގަޅުކުރުމަށް ރާއީސް ޔާމިނާއި، އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްތައް މިނިސްޓަރ މުނައްވަރު ފާހަގަކުރެއްވިއެވެ.

"ޕްރޮޖެކްޓްތަކަަށް ބޭރުގެ ބޭންކްތަކުން ފަންޑްހޯދަނީ މަޝްރުޢުތައް ވަރަށް ބޮޑަށް ދިރާސާކޮށްފައި. އެގޮތުން އެންމެފަހުން އިޢުލާންކުރި "ވިލިމާލެ 2"ގެ މަޝްރޫޢުއަށް ބޭނުންވާ ފައިސާވެސް މިހާރު މިދަނީ އެކި ބޭންކްތަކާ މަޝްވަރާކޮށްގެން ހަމަޖައްސަމުން. މިއިން އެއްވެސް މަޝްރުޢަކީ ހުވަފެނެއްނޫން"

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީން ރާއްޖެއަށްދިން ހިލޭ އެހީއާ ޙަވާލުވެވަޑައިގަތުމަށްބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން، އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، ރާއްޖެއަށް އެހީ ދިނުމަށް ބޭރުގެ ޤައުމުތަކުން މިހާރު ތައްޔާރަށްތިބީ ރާއްޖޭގައި އޮތް ހަމަޖެހުމުގެ ސަބަބުންކަމަށެވެ.

އަދި މިހާރު ރާއްޖޭގައި ހިންގަމުންދާ ބިޔަ މަޝްރޫޢުތަކާއި، އިޤްތިޞާދީ ގޮތުން ހޯދަމުންދާ ކުރިއެރުމަކީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އޮންނަ އިތުބާރު ބޮޑުވާކަމެއްކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަރުކާރުން މިހާރުވެސް ގެންދަނީ ބޭރުގެ އެހީގެގޮތުގައި ލިބިފައިހުރި ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ތަރައްޤއަށް ބިޔަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.