ޚަބަރު

މާފިނޮޅު އެއަރޕޯޓު މަޝްރޫޢު މަޑެއްނުޖެހޭ - އެމް.ޓީ.ސީ.ސީ


ހއ.މާފިނޮޅު އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް މަޑުޖެހިފައިވާކަމަށްބުނެ ދެކެވޭ ވާހަކަތައް އެމް.ޓީ.ސީ.ސީން ދޮގުކޮށްފިއެވެ.

މާފިނޮޅު އެއަރޕޯޓު މަޝްރޫޢާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އިބްރާހީމް ޒިޔަތު ވިދާޅުވީ، މާފިނޮޅު ބިންހިއްކުމުގެ މަޝްރޫޢު މަޑުޖެހިފައިވާ ކަމަށާއި، އެއީ ރައްޔިތުންނަށް ދައްކާ ހުވަފެނެއްކަމަށް ބުނެ ބަޔަކުދެކެވެމުންދަނީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ. އަދި އެ މަޝްރޫޢު މަޑު ނުޖެހޭކަމަށާ އެހެންނަމަވެސް މޫސުން ގޯސްވުމުގެސަބަބުން، ކޮންމެވެސްވަރެއްގެ ދަތިކަމެއް ކުރިމަތިވިކަމަށް އޭނާ ވިދާޅުވިއެވެ.

ޒިޔަތު ވިދާޅުވީ، މާފިނޮޅު އެއަރޕޯޓް މަޝްރޫއާއި އެމް.ޓީ.ސީ.ސީން ހަވާލުވީ އެމަޝްރޫޢު ފުރިހަމަ ކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެކުންފުންޏަށް އޮތުމުންކަމަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް ކުރިއަށްގެންދިއުމުގައި ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، އެކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން ޒިޔަތު ފާހަގަކުރެއްވިއެވެ. އެގޮތުން މާފިނޮޅު ސަރަޙައްދުގައި އޮތް މަހާ ޖައްރާފުގެ ބަދަލުގައި އެ ސަރަޙައްދަށް ކަޓަރ ޑްރެޖަރއެއް ގެންގޮސް މަސައްކަތުގެ ސްޕީޑް ހަލުވިކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަސްތުކޮށްފައިއޮތީ މާފިނޮޅަށް އަރާތާ 35 ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލުމަށް. ސަބަބަކީ ދެ ދުވަހުގެ ތެރޭގައި ހެކްޓަރެއް ހިއްކާލުމުގެ ޤާބިލުކަން އެމް.ޓީ.ސީ.ސީގައި އެބަހުރި. ނަމަވެސް މާފިނޮޅުގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭ ވަރަށް މޫސުން އަދިވެސް ތަންނުދީގެން މިއުޅެނީ"

އިބްރާހީމް ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު ވިދާޅުވީ، މަހާ ޖައްރާފުގެ ބޭނުން އެންމެ އެކަށީގެންވާގޮތުގައި ނުހިފި ހޭދަވާ ކޮންމެ ދުވަހަކީވެސް ކުންފުނީގެ އޮޕަރޭޝަންތަކަށް ބުރޫ އަރާ ދުވަހެއްކަމަށެވެެ. އަދި މަހާ ޖައްރާފުގެ ބަދަލުގައި މާފިނޮޅަށް ކަޓަރ ޑްރެޖަރއެއް ގެންދިއުމަށް ނިންމީ އެނޫން ގޮތެއް ނެތީމަކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.

"ކަޓަރ ޑްރެޖަރއާއި ހޮޕަރ ޑްރެޖަރއަކީ ވަރަށް ތަފާތު ދެ އެއްޗެއް. ކެޕޭސިޓީއަށް ބެލިކަމުގައިވިޔަސް ހޮޕަރ މާ އެފިޝަންޓްވާނެ. ނަމަވެސް ބައެއް ޕްރޮޖެކްޓުތަކުގައި އޭގެ ނޭޗަރ ހުންނަގޮތުންވެސް އަޅުގަނޑުމެންނަށް ބޭނުންކުރަން މަޖުބޫރުވަނީ ކަޓަރ ޑްރެޖަރ. މާފިނޮޅަށް ބަލައިފިކަމަށްވާނަމަ ހޮޕަރ ޑްރެޖަރެއް އެއްގޮތަކަށްވެސް ބޭނުން ނުކުރެވިގެން މިއުޅެނީ. އެހެންވީމަ އެތަނަށް ކަޓަރ ޑްރެޖަރެއް ފޮނުވަން ނިންމީވެސް."

ޒިޔަތު ވިދާޅުވިއެވެ.

މާފިނޮޅު އެއަރޕޯޓް ތަރައްޤީކުރުމަށް އެރަށުގެ ފަޅުން ގާތްގަނޑަކަށް 17 ހެކްޓަރުގެ ބިން ހިއްކާއިރު، 888 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. މާފިނޮޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 1200 މީޓަރުގެ ދިގު ރަންވޭއަކާއެކު ޑޮމެސްޓިކް އެއަރޕޯޓެކެވެ. އަދި މި އެއަރޕޯޓުން އެންމެފަހުގެ ޒަމާނީ ޚިދުމަތްތައް ލިބޭނެއެވެ.