ޚަބަރު

އިތުރަށް ލިބުނު ކޯޓާގައި 400 ޙައްޖުވެރިން މާދަމާ ފުރާނެ


ޙައްޖު ކޯޕަރެޝަންގެ ހަވާލުގައި ޙައްޖަށްދާމީހުންގެ ތެރެއިން 400 މީހުން މާދަމާ ހަވީރު ފުރަން ހަމަޖެހިފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ މި މީހުން މިއަދު ފުރަން ހަމަޖެހިފައިވީނަމަވެސް، ނުފުރި ފްލައިޓް ލަސްވީ ސަޢޫދީ އެއަރލައިންއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި މުވައްސަސާތަކުން ސަޢޫދީ އެއަރލައިނާއެކު މަސައްކަތްކޮށް މިހާރު މާދަމާ ހަވީރު 5:00ގައި ފުރޭނެގޮތް ހަމަޖެހިފައިވާކަމަށެވެ.

މި 400 މީހުންނަކީ ރާއްޖެއަށް މިއަހަރު އިތުރަށްލިބުނު 1000 ކޯޓާގެތެރެއިން ހައްޖު ކޯޕަރޭޝަނަށް ލިބުނު 900 ކޯޓާއިން ޙައްޖަށް ދާމީހުންނެވެ. ޙައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށްދާ ޙައްޖުވެރިން ފުރުވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެނިމިފައިވާކަމަށާއި އެހުރިހާ ޙައްޖުވެރިންނަށްވެސް ވިސާ ހަމަޖެހިފައިވާކަމަށެވެ.

ރާއްޖެއަށް އިތުރަށް ލިބުނު ކޯޓާގެ ތެރެއިން 900 ކޯޓާ ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ. އަދި ބާކީއޮތް 100 ޙައްޖު ކޯޓާ ދީފައިވަނީ އަލްޙަރަމައިން ޖަމާޢަތަށާއި ތަޒްކިޔާ ޙައްޖު ގުރޫޕަށެވެ. މިއިން ކޮންމެ ޙައްޖު ގްރޫޕަކަށް 50 ޙައްޖު ކޯޓާ ވަނީ ދީފައެވެ. މި ދެ ޖަމާއަތުގެ ހަވާލުގައި ޙައްޖަށްދާ މީހުން ފުރާދުވަސް އަދި އެނގިފައެއްނުވެއެވެ.

ރާއްޖެއަށް މިއަހަރު ފުރަތަމަ ލިބިފައިވަނީ 1000 ކޯޓާއެވެ. އެހެންނަމަވެސް އިތުރު 1000 ކޯޓާ ރާއްޖެއަށް ލިބިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވަނީ އިޢުލާންކުރައްވާފައެވެ.

ރާއްޖެއިން ހައްޖަށްދާ ޙައްޖުވެރިންގެ ކަންތައްތައް ބަލައި، ސަޢޫދީ އަރަބިއްޔާގައި ހައްޖުވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް މައްކާގައި މިއަހަރުވެސް ވަނީ "ދިވެހި ހައްޖު މިޝަންގެ އޮފީސް"ގެ ނަމުގައި އޮފީހެއް ޤާއިމްކޮށްފައެވެ.