ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއަށް 10 އިންސައްތައިގެ ކުރިއެރުމެއް


މިއަހަރުގެ ޖުލައި މަސް ނިމުއިރު ރާއްޖޭގެ ފަތުރުވެރިކަމަށް 10
އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، 2018 ވަނައަހަރުގެ ޖުލައިމަސް ނިމުނު އިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 2017 ވަނަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %10.1 އިތުރުވެފައެވެ. އެ މިނިސްޓްރީއަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2018 ވަނައަހަރުގެ ޖުލައިމަހު ރާއްޖެއަށް 122،332 (ސަތޭކަ ބާވީސްހާސް ތިންސަތޭކަ ތިރީސް ދޭއް) ފަތުރުވެރިން ޒިޔާރަތް ކޮށް، ޖޫންމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދުވަނީ 848.847 (އަށްސަތޭކަ ސާޅީސްއަށްހާސް އަށްސަތޭކަ ސާޅީސް ހަތެއް) އަށް އަރާފައެވެ.

މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ތައްޔާރުކުރެވިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ %49.5 ގެ ހިއްސާއާއެކު ޔޫރަޕްގެ ޤައުމުތަކުންނެވެ. މިގޮތުން 2018 ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް މިސަރަހައްދުން ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދު 419.991 އަށް އަރާފައިވާއިރު، މިއީ 2017 ވަނައަހަރުގެ މިމުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު 15.9 އިންސައްތައިގެ ކުރިއެރުމެކެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 41.5 އިންސައްތައާއެކު އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުންނެވެ. މިއީ 2017 ވަނައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %3.8 ގެ ކުރިއެރުމެކެވެ.

މީގެ އިތުރުން 2018 ވަނައަހަރުގެ ޖުލައިމަހުގެ ނިޔަލަށް އެމެރިކާ ސަރަހައްދުން %4.6 ގެ ހިއްސާއަކާއެކު ޖުމްލަ 39.351 ފަތުރުވެރިން ރާއްޖެއައިއިރު، މެދުއިރުމަތީގެ ޤައުމުތަކުން %3.5 ހިއްސާއާއިއެކު ޖުމްލަ 29.823 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެފްރިކާ ސަރަހައްދުން 0.96 ހިއްސާއާއިއެކު ޖުމްލަ 7،722 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.

ވަކިވަކި މާކެޓްތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 5 މާރކެޓަކީ، ޗައިނާ (%18.9) އިނގިރޭސިވިލާތް (%7.8)، ޖަރުމަނުވިލާތް (%7.6)، އިޓަލީ (%7.2) އަދި އިންޑިއާ (%5.5) އެވެ.